ސިނަމާލެ ބްރިޖާއެކު ސިޓީ ޗެކްއިންގެ ހިދުމަތްވެސް ތައާރަފުކުރާނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖު ހުޅުވުމާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓުތައް ހާމަކުރައްވަމުން މިނިސްޓަރު އިއްޔެ ވިދާޅުވީ ބްރިޖު މަތިން ދުއްވާ ބަސް ޓާމިނަލުން ސިޓީ ޗެކްއިންގެ ހިދުމަތް ދޭނެ ކަމަށެވެ. ހުޅުމާލެ ކޮޅުގައި ހުންނަ ޓާމިނަލުންވެސް އެ ހިދުމަތް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބްރިޖުގެ ދަތުރުތައް ފަށާ ދުވަހުން ފެށިގެން މާލޭ ކޮޅުން ހިދުމަތް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖު މަތިން އާންމު ދަތުރުތައް ފަށާނީ އަންނަ މަހު ހަތްވަނަ ދުވަހުއެވެ.

ސިޓީ ޗެކްއިންގެ ހިދުމަތާއެކު ބަސް ޓާމިނަލުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތަކަށްވެސް ޗެކްއިން ވެވޭނެއެވެ.

"އެއާޕޯޓަށް ދިޔުމުގެ ކުރިން ލަގެޖު ދޫކޮށްލެވޭނެ ބަހަށް. އޭރުން ފްލައިޓަށް ޗެކިން ހަދާ އެ ނިމުނީ،"

ބްރިޖު މަތިން ދަތުރުކުރާ ބަހުގެ ހިދުމަތް ދޭނީ އެމްޕީއެލްއިންނެވެ.