30 Aug 2018, 12:09
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަނޫޖާ ޗޯހާންގެ ލޯބީގެ ވާހަކަ "ޒޯޔާ ފެކްޓާ"ގެ މައްޗަށް އުފައްދާ ބޮލީވުޑް ފިލްމު "ޒޯޔާ ފެކްޓާ"ގެ ޝޫޓިން ފަށައިފި އެވެ.
ސޯނަމް ކަޕޫރާއި މަލަޔާޅަމް ފިލްމު ތަކުން ފެނިގެންދާ ދަލްގޫރް ސަލްމާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން އިއްޔެ ފަށާފައިވާ އިރު ފިލްމުގެ ކާސްޓަށް ވަނީ ސަންޖޭ ކަޕޫރު ވެސް ހިމަނައިފަ އެވެ.
ސަންޖޭ ފެނިގެންދާނީ ސޯނަމްގެ ބައްޕަ ރޯލުންނެވެ.
އަބީޝޭކް ޝަރްމާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމާ ގުޅޭ ގޮތުން ދަލްގޫރް ބުނީ ފިލްމުގެ ސްކްރިޕްޓާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މުޅި ޓީމަކީ ވެސް އަބަދު ވެސް މަސައްކަތް ކޮށްލަން ބޭނުންވާ ފަދަ ޓީމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ފިލްމުގައި ސޯނަމް އަދާކުރާ ރޯލަކީ ޒޯޔާގެ ރޯލެވެ. ޒޯޔާ ނަމަކަށް ކިޔާ ކުއްޖާ އަކީ އިންޑިއާގެ ކްރިކެޓް ޓީމަށް "ލަކީ ޗާމް"އެކެވެ. އެ ޓިީމަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުން ވެސް މެ އެވެ.
"މިއީ ކްރިކެޓްގެ ތެރެއިން އުފަންވާ ލޯބީގެ ރީތި ވާހަކައެއް. ތަފާތު ވާނެ. ތަރިންނާ މެދު ވެސް ވަރަށް ހިތްހަމަ ޖެހޭ،" ތޭރޭ ބިން ލާދިން ވެސް ޑައިރެކްޓް ކުރި އަބީޝޭކް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ފިލްމު ރިލީޒްކުރާ ދުވަހަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު އެވެ.