30 Aug 2018, 12:03
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި ޕާޓީއެއް ރެޖިސްޓްރީ ކުރަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަވެފައިވާ ކަމަށް، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތުން ވިދާޅުވެއްޖެ އެވެ.
އެމްއެލްއެސްޑީޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ގާނޫނީ ވަކީލް އަބްދުﷲ ހަސީން މިއަދު "ސަން" އަށް ވިދާޅުވީ ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމުތައް މިހާރު ހަމަވެފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަރުހަލާ ކަމަށެެވެ.
ހަސީން ވިދާޅުވީ މިހާރު ހޯދިފައިވާ ފޯމުގެ އަދަދު 3000 އަށް ވުރެ ގިނަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް އިލެކްޝަންސް އަށް ހުށަހަޅާއިރު އެ އަށް ވުރެ ގިނައިން ފޯމު ހުށަހަޅަން ބޭނުންވާ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ. ސެޕްޓެމްބަރު މަހުގެ 15 ހިސާބުގައި ފޯމުތައް އިލެކްޝަނަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެ އަޅައި ކިޔައި، އޭގެ ތެރޭގައި ސައްހަ އެއްޗެހި ކަށަވަރު ކުރުމާއި އެ މަރުހަލާގައި އަޅުގަނޑުމެން މި އުޅެނީ." ހަސީން ވިދާޅުވި އެވެ.
މިހާރު ހަސީން އާއި އޭނާގެެ ޓީމުން ދަނީ މަދަނީ ޖަމިއްޔާތަކާ މަޝްވަރާކޮށް އެ ޖަމިއްޔާތަކުގެ އެއްބާރުލުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްް (ޓޭމް)އާ އޭނާގެ ޓީމުން ވަނީ ބައްދަލުކޮށްފަ އެވެ.
ހަސީން ވިދާޅުވީ އެ ޖަމިއްޔާތަކުން އެމްއެލްއެސްޑީޕީއަށް އެއްބާރުލުންދީ ރަސްމީކޮށް އެންޑޯސް ކުރާނެ ކަމުގެ ޔަގީކަން ދީފައިވާ ކަމަށެވެ.
"އެ ދެ ޖަމިއްޔާ އަޅުގަނޑުމެންނާ މިހާރު އަޅުގަނޑުމެންނާ ރަސްމީކޮށް ބައްދަލުކޮށް، އަޅުގަނޑުމެންނާ އެކު އެއްބާރުުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައި ވަނީ. އަޅުގަނޑުމެން އުންމީދު ކުރަނީ، ކައިރި މުސްތަގުބަލެއްގައި އެ ޕާޓީތަކުން ރަސްމީކޮށް އަޅުގަނޑުމެން އެންޑޯސް ވެސް ކުރާނެ. އެ ޔަގީންކަން ވެސް އަޅުގަނޑުމެންނަށް ލިބިފައި ވަނީ،" ހަސީން ވިދާޅުވި އެވެ.
Maldives Labour and Social Democ Party meets Teachers' Association of Maldives@TAMaldivesto discuss the possibilities of working together. It was a very productive meeting and the union is willing to give their full support in working with the Party@TEAMmaldives@haseenkareempic.twitter.com/djr6JCF0ns
— MV Labour Party (@MvLabour)August 29, 2018
އެމްއެލްއެސްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މީގެ ކުރިން ނެފެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީ ވެގެންދާނީ މެދު ވާތް (ސެންޓްރަލް ލެފްޓް) ފިކުރުގެ ޕާޓީއަކަށް ކަމަށެވެ. އަދި އެ ޕާޓީގެ ފިކުރު ބިނާވެގެން ވަނީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ހަރަކާތްތަކާއި ސޯޝަލް ޑިމޮކްރްސީގެ އުސޫލުތަކަށް ކަމުގައިވާ އިރު އެ އުސޫލުތައް ކުރިއަރުވާނީ ރާއްޖޭގެ މުޖްތަމައުއާއި އިސްލާމީ އުސޫލުތަކާ ގުޅޭ ގޮތަށް ކަމަށް ބަޔާނުގައިވެ އެވެ.