މާލެއާއި ހުޅުމާލެ އަދި ހުޅުލެ ގުޅުވާލާ ސިނަމާލެ ބްރިޖާއެކު ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެނެސްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ސިނަމާލޭ ބްރިޖު ހުޅުވުމާއެކު ހުޅުމާލޭގެ ބައެއް މަގުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލެގެ މަގުތަކުގެ ޓްރެފިކަށް ގެނައި ބަދަލު:

  • ސައިމާ ހިނގުން، ނިރޮޅު މަގު ގުޅޭ ހިސާބުން ފެށިގެން ބޯށިމާ ހިނގުން ގުޅޭ ހިސާބަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ހަމަޖެއްސުން.

  • ބޯށިމާ ހިނގުން ނިރޮޅުމަގުު ގުޅޭ ހިސާބުން ފެށިގެނ،ް ބޯށިމާ ހިނގުން ރީތިގަސް މަގު ގުޅޭ ހިސާބަށް އިރުން ހުޅަނގަށް އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ހަމަޖެއްސުން.
  • ބޯށިމާ ހިނގުން ރީތިގަސްމަގު ގުޅޭ ހިސާބުން ފެށިގެން ރީތިގަސްމަގު ސައިމާ ހިނގުން ގުޅޭ ހިސާބަށް ދެކުނުން އުތުރަށް ދުއްވާ މަގެއްގެ ގޮތުގައި ހަމަޖެއްސުން.
  • ރީތިގަސްމަގު، ކަށިމާހިނގުން ގުޅޭ ހިސާބުން ފެށިގެން ކަށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ހުޅަނގުން އިރަށް ދުއްވާ މަގެއްގެ ގޮތުގައި ހަމަޖެއްސުން.

މި މަގުތައް ފިޔަވައި އެހެން މަގުތަކުގެ ޓްރެފިކަށް ބަދަލު ނުގެންނަ ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.

އެޗްޑީސީގެ އާބަން ޑިޒައިނާ އަހްމަދު ޝާހިދު މީގެ ކުރިން ވިދާޅުވި ގޮތުގައި، ބްރިޖު މަތިން ދަތުރުކުރާ ހުރިހާ އުޅަނދަކަށްވެސް ހުޅުމާލެއަށް އެރޭނެއެވެ. އަދި ހުޅުމާލޭގެ މަގުތައް ޑިޒައިންކޮށްފައި ވަނީ ތޮއްޖެހުމުގެ މައްސަލަ ކުޑަވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރިޖާއެކު ގިނަ އުޅަނދުތައް ހުޅުމާލެއާއި މާލެ އާ ދެމެދު އެއްގަމު މަގުން ދަތުރުކުރާނެކަމަށް ބެލެވޭއިރު، މަގުތަކުގެ ސަލާމަތީ ކަންތައް ފުލުހުން ބަލަހައްޓާނެ ކަމަށް ހައުސިން މިނިސްޓަރު އިއްޔެ ވަނީ ވިދާޅުވިއެވެ.

ބްރިޖާ ގުޅިގެން ހުޅުލެއާއި ހުޅުމާލެއާ ދެމެދު އާ މަގެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ. ބްރިޖު މަތިން ކުރާ އާންމު ދަތުރުތައް ކުރަން ފަށާނީ އަންނަ މަހުގެ ހަތަކުން ފެށިގެންނެވެ.