30 Aug 2018, 09:53
ޑައިރެކްޓަރު ވިޝާލް ބާދްވާޖްގެ ކުރިޔަށް ހަދަން ނިންމާފައިވާ ފިލްމަކަށް ބޮލީވުޑް އަދި ހޮލީވުޑް ގައިވެސް ވިދަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްޅާ ހަމަޖައްސާފައިވާ ކަމަށް ވިޝާލް ބުނެފިއެވެ.
ހަބަރުތައް ބުނާގޮތުގައި ޕްރިޔަންކާ ލީޑު ރޯލަށް ލައިގެން ވިޝާލް ހަދަން ނިންމާފައިވާ ފިލްމަކީ ޝޭކްސްޕިއާގެ "ޓްވެލްފް ނައިޓް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ވިޝާލް ބުނެފައިވާ ގޮތުގައި ޕްރިޔަންކާ ލައިގެން ފިލްމެއް ތައްޔާރު ކުރުމަކީ އޭނާ އަބަދުވެސް ބޭނުންވާ ކަމެކެވެ. ކުރިޔަށް މިއޮތް ފިލްމު ވެގެންދާނީ ވިޝާލްގެ ފިލްމަކުން ޕްރިޔަންކާ ފެންނަ ތިން ވަނަ ފިލްމަށެވެ. ވިޝާލް ޑައިރެކްޓްކޮށް 2009 ރިލީޒް ކުރި "ކަމީނޭ"" އާއި 2011 ވަނަ އަހަރު ނެރުނު ފިލްމު "ސާތު ހޫ މާފް" ފަދަ ފިލްމުތަކުން ޕްރިޔަންކާ ވަނީ ފެނިފައެވެ.
ފިލްމުގެ ޑައިރެކްޓަރު ބުނީ ޕްރިޔަންކާ ލީޑަށް ލައިގެން ހަދާ އެ ފިލްމުގެ މަަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށެވެ. ވިޝާލްގެ ކުރިޔަށް އޮތް ފިލްމު "ޕަޓާކާ" ރިލީޒް ވާނީ އަންނަ މަހުއެވެ.
ޕްރިޔަންކާ ވަނީ ބޮލީވުޑްގެ ފިލްމު "ބާރަތު" ދޫކޮށް ސޮނާލީ ބޯސްގެ ޑައިރެކްޓްކުރާ "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ފަށާފައެވެ. ނަމަވެސް މިވަގުތު އޭނާ ހުރީ ލޯބިވެރިޔާ ނިކް ޖޯނަސް އާއެކު އެމެރިކާގައެވެ.
ކުރިޔަށްވެސް ޕްރިޔަންކާގެ އުންމީދީ ފިލްމުތަކެއް އެބަ ހުއްޓެވެ. "ކްރިޝް 4" ގެ އިތުރުން ހޮލީވުޑްގެ އިތުރު ފިލްމަކުން ވެެސް ޕްރިޔަންކާ ފެންނާނެ ކަމަށް ވަނީ ހަބަރުތައް ފެތުރިފައެވެ.