ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށް އިޒްރޭލްގެ ބަތަލާ ގަލް ގެޑޯ ޓައިޓްލް ރޯލް ކުޅޭ ފިލްމު "ވޮންޑަ ވުމަން" ދޭއްގައި ބޮލީވުޑްގެ ބަތަލާ ސައުންދަރިއާ ޝަރްމާ މުހިއްމު ރޯލެއް ކުޅެން ސޮއިކޮށްފިއެވެ.

އެ ފިލްމުގެ ދެވަނަ ބަޔަށް ދީފައިވާ އަސްލު ނަމަކީ "ވޮންޑާ ވުމަން 1984" އެކެވެ. ވޭތުވެދިޔަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ރާންޗީ ޑައިރީޒް"އިން ވިދާލި ބަތަލާ ސައުންދަރިއާ ހޮލީވުޑްގެ ފިލްމު ކުލެން ސޮއި ކުރި ނަމަވެސް މާ ބޮޑު ތަފްސީލެއް ދީފައެއް ނުވެއެވެ.

ސައުންދަރިއާ ފިލްމާ ބެހޭގޮތުން ބުނެފައިވަނީ، "ވޮންޑަ ވުމަން"ގެ ދޭއްގައި އޭނާއަށް ލިބިފައިވާ ރޯލާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ހޮލީވުޑްގެ ފިލްމަކުން ފުރުސަތެއް ލިބުމުން ވަރަށް އުފަލުން ހުރި ކަމަށެވެ.

"ރާންޗީ ޑައިރީޒް" އަކީ ސައުންދަރިއާ ފުރަތަމަ ކުޅުނު ބޮލީވުޑް ފިލްމުވެސް މެއެވެ. އަދި އެއީ މިހާތަނަށް ސައުންދަރިއާ ކުޅުނު ފިލްމު ވެސް މެއެވެ. ސައުންދަރިޔާ "ވޮންޑަ ވުމަން 1984" ޝޫޓިން އަށް ގޫޅޭނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

"ވޮންޑަ ވުމަން" އަކީ މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން މިހާރު ދަނީ ކުރިޔަށެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ގަލްގެ އިތުރުން ކްރިސްޓެން ވިގް، ކްރިސް ޕައިން އަދި ޕެޑްރޯ ޕާސްކަލް ފަދަ ކޫޅަދާނަ އެކްޓަރުން ހިމެނެއެވެ.

ސަތޭކަ ފަންސާން މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން ހަދައި މިދިޔަ އަހަރު ރިލީޒްކުރި "ވޮންޑަ ވުމަން"އަށް 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.