21 Sep 2011, 09:58
ޗެލްސީއަށް ބަދަލުވުމަށް ބޭނުންވެފައިވާ އަދި ޗެލްސީއިން ބޮޑު މަސައްކަތެއްކޮށް ހޯދުމަށް މަސައްކަތްކުރާ ޓޮޓެންހަމް ހޮޓްސްޕާގެ ކްރޮއޭޝިޔާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ކްލަބުގައި މަޑުކުރުމަށް ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ޕީޓާ ކްރައުޗް އިރުޝާދުދީފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗްގެކުރިން މޮޑްރިޗަށް ކްލަބްގެ ސަޕޯޓަރުންވަނީ ބޮޑު ތަރުހީބެއްދީފަ އެވެ.
އެވަޓަން، ސްޓޯކް އަދި ކިއުޕީއާރްއިން ވަނީ ޓޯޓެންހަމްއިން ކްރައުޗް ހޯދުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ކްރައުޗްވަނީ ޓޮޓެންހަމްގައި އުފާވެރިދުވަސްތަކެއް ހޭދަކުރަމުންދާކަމަށް ބުނެ އެކަން މޮޑްރިޗްގެ ފަރާތުން ވެސް ފެނުމަށް ބޭނުންވާ ކަމަށް ހާމަކޮށްފަ އެވެ.
"ސަޕޯޓަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން މޮޑްރިޗް ކްލަބުގައި މަޑުކުރާނެކަމަށް އުންމީދުކުރެވޭ. މިހާރު އޭނާއަށް ކްލަބް ދޫކޮށްދިއުން ވާނީ އުނދަގޫ ކަމަކަށް. އޭނާއަށް މިހާރު އެނގޭނެ ސަޕޯޓަރުން އޭނާއަށް ލޯބިޖެހިފައިވާކަން. މިހާރު މޮޑްރިޗް ގައުމީ ޓީމަށް ކުޅެން ދިޔަނަމަވެސް އަހަރެމެން ބުނިން ބުރާސްފަތި ދުވަހު އެނބުރި އަންނާށޭ. އެހެން ކަންތައް ކުރާނެކަމަށް އުންމީދުކުރަން." ކްރައުޗް ބުންޏެވެ.
މޮޑްރިޗަކީ މޮޅު ކުޅުންތެރިއެއްކަމަށާއި އަންނަ ސީޒަނަށް ކްލަބްގެ އެންމެން ވެސް މޮޑްރިޗް ބޭނުންވާ ކަމަށް ކްރައުޗް ބުންޏެވެ. "މޮޑްރިޗަކީ މޮޅު ކުޅުންތެރިއެއް. ޓީމުގައި ބަހައްޓަން މޮޑްރިޗަކީ ރަނގަޅު ކުޅުންތެރިއެއް. އަހަރެމެން އެންމެން ވެސް މޮޑްރިޗް ބޭނުންވޭ." ކްރައުޗް ބުންޏެވެ.
ޓޮޓެންހަމްއަށް އާކުޅުންތެރިން ހޯދުމަށް އެކްލަބްގެ ކޯޗް ހެރީ ރެޑްނެޕްގެ ފަރާތުން މާއެދެވޭ އިސްކަމެއް ދޭތަނެއް ނުފެނެ އެވެ. މިހާރު ތިބި ކުޅުންތެރިންނާ އެކު ސީޒަން ފަށައި ގަދަ ހަތަރެއްގައި ނިންމާލެވޭނެ ކަމަށް އެކްލަބްގެ ފޯވާޑް ކްރައުޗް އުންމީދުކުރެ އެވެ.