30 Aug 2018, 09:24
މިހާރު ބޮލީވުޑުގައި ވިދަމުން އަންނަ ޒުވާން ތަރިންނާ އެކު މަސައްކަތް ކުރަން ޖެހިލުންވާ ކަމަށް ބޮލީވުޑުގައި 50 އަހަރު މަސައްކަތް ކޮށްފައިވާ ކާމިޔާބު އެކްޓަރު އަމީތާބް ބައްޗަން ބުނެފި އެވެ.
"ކޯން ބަނޭގާ ކްރޯރްޕަތީ 10" ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމީތާބް ބުނީ މިހާރު ބޮލީވުޑުގައި ތިބީ ވަރަށް ހުނަރުވެރި، ޤާބިލް އެކްޓަރުންތަކެއް ކަމަށެވެ.
"އާލިއާ، އަނުޝްކާ އަދި ދީޕިކާ ފަދަ އެކްޓަރުން ވަރަށް ކުޅަދާނަ. އެމީހުންނާ އެކު މަސައްކަތް ކުރަން ޖެހިލުންވޭ،" އަމީތާބް ބުންޏެވެ.
އަމީތާބް ވަނީ ފިލްމު "ޕީކޫ" ގައި ދީޕިކާ އާއެކު މަސައްކަތް ކޮށްފައެވެ. އެ ފިލްމުން އަމީތާބަށް ވަނީ ގައުމީ އެވޯޑު ވެސް ލިބިގެން ގޮސްފައެވެ.
އަދި އަމީތާބް މިހާރު އަންނަނީ އަޔާން މުކަރްޖީގެ "ބްރަހްމާޝްތުރަ" ގައި އާލިއާ އާއެކު މަސައްކަތް ކުރަމުންނެވެ. އަމީތާބް ބުނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ އެހާ ގިނަ ދުވަސްވީ އިރުވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، ނަމަވެސް މިހާރު އަލަށް ނުކުންނަ ފަންނާނުން އެންމެ ފުރަތަމަ ނަގާ މަންޒަރު ވެސް އެހާމެ ފުރިހަމަ ކަމަށެވެ.
ޒުވާން ޖީލުގެ އެކްޓަރުންގެ ޖެހިލުންކުޑަ ކަމަށް އަމީތާބް ވަނީ ތައުރީފު ކޮށްފައެވެ. އަމީތާބް ބުނީ މީނާ ކުމާރީ، ނުތަން އަދި ވަހީދާ ރެހްމާން ފަދަ ލެޖެންޑުންނާ އެކު ވެސް އޭނާ މަސައްކަތް ކޮށްފައިވާ ކަމަށާއި، އާލިއާ އަދި ރަންބީރު ކަޕޫރު ފަދަ އެކްޓަރުންނާ އެކު މަސައްކަތް ކޮށްލަން ލިބުމުން އެކަން ގަބޫލުވެސް ނުކުރެވޭ ކަމަށެވެ.
އަންހެން އެކްޓަރުންގެ އިތުރުން އަމީތާބް ވަނީ ޒުވާން ފިރިހެން އެކްޓަރުންނަށް ވެސް ތައުރީފު ކޮށްފައެވެ. އެގޮތުން ރަންބީރު ކަޕޫރު، ވަރުން ދަވާން، ސުޝާންތު ސިންގ ރާޖްޕުތު އަދި ރާޖްކުމާރު ރާއޯގެ އިތުރުން ކާރްތިކް އާރްޔަންގެ ނަން އަމީތާބް ވަނީ ފާހަގަކޮށްފައެވެ.