އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ލަވަ އަލްބަމެއް އަންނަ އަހަރު ނުފެންނާނެ ކަމަށް އޭނާ ބުނެފިއެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި އެޑް ޝީރަން ބުނީ މި ދިޔަ އަހަރު ނެރުނު ކާމިޔާބު ލަވަ އަލްބަމަށްފަހު އެހެން އަލްބަމެއް ނެރުމަށް އަދި ވިސްނާފައި ނުވާކަމަށެވެ.

"އަންނަ އަހަރު އަހަރެންގެ މަސައްކަތެއް އާންމުންނަށް ގެނެސްދޭނަން. އެކަމަކު ލަވަ އަލްބަމެއް ނޫން. ތަފާތު މަސައްކަތެއް. އަހަރެން އާންމުކޮށް ނުކުރާ މަސައްކަތެއް،" އޭނާ ބުނެފައިވެއެވެ.

މި ޚަބަރާ އެކު އޭނާގެ ގިނަ ފޭނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފޭނުންގެ ވާހަކަތަކަށް ރައްދުދެމުން އެޑް ޝީރަން ބުނީ މިއުޒިކަކީ ދުވަހަކުވެސް ދޫކޮށްނުލެވޭވަރުގެ އެއްޗެއް ކަމަށާއި އެއީ އޭނާގެ "ހޮބީ"އެއް ކަމަށެވެ.

ދާދިފަހުން އެޑް ޝީރަން ވަނީ ބޮލީވުޑްގެ އެންމެ ކުޅަދާނަ ބަތަލު ޝާހް ރުކް ހާނާ އެކީ ލަވައެއް ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.