ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ ކުރިމަތީގައި ދަމާފައި ހުރި އެ ޕާޓީގެ ދިދަތަކެއް، އެމްޑީޕީގެ ސަޕޯޓަރުންތަކެއް ނިކުމެ ކަނޑާލާފައިވާ ކަމަށް ބުނެފި އެވެ.

ޕީޕިއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އެމްޑީޕީ ސަޕޯޓަރުން، ދިދަތައް ކަނޑާލުމުގެ އިތުރުން އެ ޕާޓީގެ ޖަގަހަ އަށް ގެއްލުން ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޕީޕީއެމް ތަކެއްޗަށް ގެއްލުން ދިން މީހުން، އެ ޕާޓީގެ ސަޕޯޓަރުންނާ ކުރިމަތިލައި، މާރާމާރީ ހިންގި ކަމަށް ނިހާން ވިދަޅުވި އެވެ. އަދި މާރާމާރީގައި އަނިޔާވި ޕީޕީއެމްގެ 10 ސަޕޯޓަރަކަށް އެ ރަށު ހޮސްޕިޓަލުގައި ފަރުވާދޭމް ޖެހުނު ކަމަށް ނިހާން ވިދާޅުވި އެވެ.

އެ ރަށު ބަނދަރު ސަރަހައްދުގައި ޕީޕީއެމް ސަޕޯޓަރުން ހަދާފައި ހުރި ބައެއް މޮނިއުމަންޓް ތަކަށް އެމްޑީޕީ ސަޕޯޓަރުން ގެއްލުން ދިން ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ގިނަ އަދަދެއްގެ ދިދަތަކެއް މޫދަށް އުކާލި ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ޕީޕީއެމްގެ ފަރާތުން މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ކޮލަމާފުށީގައި ދަމާފައި ހުރި ޕީޕީއެމްގެ ދިދަތަށް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯތަކެއް، ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ޕީޕީއެމްގެ ގިނަ އަދަދެެއްގެ ދިދަތައް ކަނޑާލާފައި ހުންނަ މަންޒަރު އެ ވީޑިއޯތަކުން ފެނެ އެވެ. އަދި ދިދަތައް ކަނޑާލި މީހުންނާ، ޕީޕީއެމް ސަޕޯޓަރުންނާ ދެމެދު ޒުވާބު ކުރާ މަންޒަރު ވެސް ބައެއް ވީޑިއޯތަކުން ފެނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮލަމާފުށީގައި ހަމަނުޖެހުން ހިނގި އިރު، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް މާދަމާ ވަޑައިގަންނަވާނެ އެވެ.