ގދ. ނަޑެއްލާގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ ކުއްޖަކަށް އަނިޔާވެ، އެ އަތޮޅު ތިނަދޫގެ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި އިސްމާއިލް މުހައްމަދު "ސަން" އަށް ވިދާޅުވީ، މިއަދު މެންދުރު ފަހު 2:30 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވީ 11 އަދި 17 އަހަރުގެ ފިރިހެން ދެ ކުދިންނަށް ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، 11 އަހަރުގެ ކުއްޖާގެ ބޯ ފަޅައިގެންގޮސް، އިތުރު އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެނާއިރު ހޭ ނާރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހޭ އަރާފަ އޮތީ. ކުޑަކޮށް ވާހަކަ ވެސް ދައްކާ މިހާރު،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކުއްޖާ އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި އިތުރު ފަރުވާ އަށް، ޖާގަ ލިބުނުހާ އަވަހަކަށް މާލެ އަށް ފޮނުވާލަން ތައްޔާރުވެފައިވާ ކަމަށް އެނާ ވިދާޅުވި އެވެ.

"ބޮލަށް އަނިޔާވީމަ އިތުރަށް ބަލަންޖެހޭތީ މާލެ އަށް ފޮނުވާލަން ތައްޔާރުވެފަ މިހާރު އޮތީ. އާސަންދަ ވެސް މިހާރު ހަމަޖެހިއްޖެ. ސީޓް އެވެއިލަބަލްވާއިރަށް ފޮނުވާލާނަން،" އިސްމާއިލް ވިދާޅުވި އެވެ.

އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ އަށް ބޮޑެތި އަނިޔާތައް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި އެ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

ނަޑެއްލާ ކައުންސިލް މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، އެކްސިޑެންޓް ހިނގީ ސައިކަލަކާއި، ބައިސްކަލެއް ޖެހިގެން ކަމަށެވެ. އަދި 11 އަހަރުގެ ކުއްޖާ އަކީ ބައިސްކަލުގައި އިން ކުއްޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި 17 އަހަރުގެ ކުއްޖާ އަކީ ސައިކަލު ދުއްވަން އިން ކުއްޖާ އެވެ. އަދި އެކްސިޑެންޓް ވީއިރު، އޭނާގެ ފަހަތުގައި އިތުރު މީހަކު ވެސް އިން ކަމަށް ވެއެވެ. ނަމަވެސް، އެކްސިޑެންޓުގައި އޭނާ އަށް އަނިޔާ ވެފައެއް ނުވެ އެވެ.