ކުދި އަދި މެދު ފަންތީގެ ވިޔާފަރިތަކަށް ޚާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ދޫކުރާ 81 މިލިޔަން ރުފިޔާގެ ލޯން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރު ކޮށްފި އެވެ.

މުއްދަތު އިތުރުކުރީ، މި މަހުގެ ކުރީކޮޅު ހުޅުވާލި ފަސޭހަ މަދަދުގެ ދެ ވަނަ ލޯން ސްކީމުގެ އިތުރުން، އިނޮވޭޓިވް ފައިނޭންސިން ސްކީމަށް ކުރިމަތިލުމަށެވެ.

ކުރިން ހަމަޖެހިފައި އޮތީ އެ ދެ ލޯން ސްކީމަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މި މަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އެ ދެ ސްކީމަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ދެ ލޯން ސްކީމަށް ކުރިމަތިލުމަށް މުއްދަތު އިތުރު ކުރީ ޒުވާނުންގެ ތަރުހީބު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށެވެ. އެގޮތުން، ގިނަ ފަރާތްތަކުން ލޯން ސްކީމް ތަކަށް ކުރިމަތިލަމުން އަންނަ އިރު، މުއްދަތު އިތުރުކުރުމުނ،ް އިތުރު ޒުވާނުންނަށް ލޯން ސްކީމަށް ކުރިމަތިލުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން އިއުލާނުކޮށްފައިވާ ދެ ލޯން ސްކީމަށް، 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

ލޯން ސްކީމް ތަކަށް ކުރިމަތިލެވޭނީ، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00އާ ހަމައަށް އިކޮނޮމިކް މިނިސްޓްރީ އަށް ފޯމް ހުށަހަޅައިގެންނެވެ. އަދި ރަށްރަށުގައި ހުޅުވާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކުން ވެސް އެ ގަޑިތަކުގައި ފޯމް ބަލައިގަންނާނެ އެވެ.

ސަރުކާރުން އިއުލާނު ކޮށްފައިވާ ލޯން ސްކީމުތަކުގެ ތެރެއިން ފަސޭހަ މަދަދުން، ހަ ދާއިރާއެއްގެ ވިޔަފާރިތަކަށް 74 މިލިޔަން ރުފިޔާ ދޫކުރާނެ އެވެ. އެ ދާއިރާތަކަކީ ގަރާޖުތަކާއި، އިންޖީނު މަރާމާތުކުރާ ތަންތަނާއި، ވަޑާންކުރާ ތަންތަނުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ގާ އެޅުން ފަދަ ވިޔަފާރިތަކާއި، ޑައިވް ސްކޫލްތައް ހިންގުން އަދި ވޯޓާ ސްޕޯޓްސް ސެންޓަރުތައް ހިންގުމެވެ.

އިނޮވޭޓިވް ފައިނޭންސިންގެ ދަށުން ދޫކުރާނީ ހަތް މިލިޔަން ރުފިޔާ އެވެ. އެ ފައިސާ އަކީ، ޕްރޮޑަކްޝަން ހައުސްތައް އުފައްދައި، އެ ތަންތަނަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް ދޫކުރާ ރުފިޔާ އެވެ.