29 Aug 2018, 21:32
ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު، ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހުރިހާ ރަށެއް ތަމްސީލުވާނޭހެން މަންދޫބުން ބައިވެރިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބްރިޖު ހުޅުވުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ދައުވަތު ދޭނެ ކަމަށެވެ. މާދަމާރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ ރަސްމިއްޔާތާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ، އެ ރަސްމިއްޔާތާ ގުޅޭ ތައްޔަރީތައް ނިމެމުންދާ ކަމަށެވެ.
"ރައީސް ޔާމީން ބޭނުންފުޅުވެ ލައްވަނީ ގިނަ ފަރާތްތަކަކަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދައުވަތު ދެވިގެންދާ މީހުންގެ އިތުރުން، ޖާގަ އޮތް މިންވަރަކުން ރަސްމިއްޔާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އާޓިފިޝަލް ބީޗުގެ އިތުރުން، ކާނިވާ ސަރަހައްދުގައި ލެޑް ސްކްރީން ބަހައްޓައިގެން، އެ ސަރަހައްދުން ވެސް ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ: ފަޔާޒު މޫސާ
"ރަައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ މަގާމުތަކުގައި އުޅޭ ފަރާތްތަކުގެ އިތުރަށް، އެންމެ އިސްކަން ދެއްވަން ބޭނުންފުޅުވެލައްވަނީ ރައްޔިތުންގެ ރެޕްރެޒެންޓޭޝަން މިތަނުން ފެންނާށޭ. އެހެންވީމާ ދައުވަތު އެބަދެން އިސް ރަށްވެހިންނަށް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްް، އަންހެނުންނަށް، ކުޑަކުދިންނަށް، ޒުވާނުންނަށް، ސިވިލް ސާވިސްގެ މުވައްޒަަފުންނަށާއި ސަރުކާރުގެ މުވައްސަަސާތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގިނަ ބަޔަކަށް ދައުވަތި ދީގެން ރަސްމިއްޔާތު ބާއްވަނީ ބްރިޖަކީ ހުރިހާ ރައްޔިތުންގެ އެއްޗަކަށް ވާތީ ކަމަށެވެ.
"ރައީސް ދަންނަވާފައިވަނީ މާދަމާރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކޮންމެ ރަށެއް އެތަނުގައި ރެޕްރެޒެންޓު ކުރުމަށް. އެކަން އެގޮތަށް ކުރިއަށް ގެންދާނަން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ބްރިޖު މަތިން ކުރާ ފުރަތަމަ ދަތުރުގައި ކޮންމެ އަތޮޅެއް ތަމްސީލުވާނޭހެން މީހުން ބައިވެރިކުރާނެ ކަމަށެވެ. އެ ދަތުރުގައި ވެސް ކުޑަކުދިންނާއި އިސްރަށްވެހިން، އަންހެނުންނާއި ޒުވާނުން ބައިވެރިކުރާނެ ކަމަށާއި ސަރުކާރު މުވައްސަސާތަކާއި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން ވެސް ބައިވެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާދަމާރޭގެ ރަސްމިއްޔާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ އެއް ރަސްމިއްޔާތަށް ވާއިރު ބަޑިބޭހުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މާދަމާރޭ ބާއްވާ ބަޑިބޭހުގެ ހަރަކާތްވާނީ މިހާތަނަށް، މި ސަރަހައްދުގައި ބާއްވާ އެންމެ ރީތި ހަރަކާތްތަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިން ޕިން އަށް ދައުވަތު ފޮނުވި ކަމަށާއި އެމަނިކުފާނުގެ ބަދަލުގައި ޚާޢްސަ މަންދޫބަކު ރަސްމިއްޔާތުގައި ބައިވެރިވެ ލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.