29 Aug 2018, 17:38
ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ދޫކުރާ ބިޒްނަސް ވިސާގެ މުއްދަތު އިތުރުކޮށްފިއެވެ.
ރާއްޖޭގެ އިމިގްރޭޝަނުން މިއަދު ކުރި އިއުލާންއެއްގައި ބުނީ ކުރިން ބިޒްނަސް ވިސާގައި ރާއްޖެއަށް އެތެރެވެވޭނީ 15 ދުވަހަށް ނަމަވެސް މިހާރު 30 ދުވަހުގެެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު މޮނީޓާކުރުމަށާއި އަދި އޮބްޒާވްކުރުމަށް ބިޒްނަސް ވިސާ ދޫކުރާނެކަންވެސް އިމިގްރޭޝަނުން މިއަދު ވަނީ އިއުލާންކޮށްފައެވެ.
އިންތިހާބު މޮނީޓާ ކުރުމަށް އާދެވޭނީ ބިޒްނަސް ވިސާ އެޕްރޫވް ވުމުން ކަަމަށާއި އަދި ޓޫރިސްޓް ވިސާގައި އެފަދަ ފަރާތްތަކުން ވަޑައިގެންފިނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލެވޭނެ ކަމަށްވެސް އިމްގްރޭޝަނުން ބުންޏެވެ.
އަދި ޓޫރިސްޓް ވިސާގައި އިންތިހާބުގެ ކަންތައްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާމެދު ގާނޫނާ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިންތިހާބު މޮނީޓާކުރުމަށް ބިޒްނަސް ވިސާއަށް އަންނަ މަހުގެ 15 ގެ ކުރިން ވިސާއަށް އެދެން ޖެހޭނެ ކަަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖައްސައިފައިވަނީ އަންނަ މަހުގެ 23 ވަަނަ ދުވަހުއެވެ.