އިނގިރޭސި ކާލިންގް ކަޕް ރޭ ފެށުނު އިރު ޓޮޓެންހަމް ހުއްޓުވުމަށް ފަހު މުބާރާތުގެ ހަތަރު ވަނަ ބުރަށް ސްޓޯކް ސިޓީ ދަތުރުކޮށްފި އެވެ. ޓޮޓެންހަމްގެ މައްޗަށް ސްޓޯކުން ކުރިހޯދީ އިތުރު ވަގުތު ކުޅެ ނަތީޖާއެއް ބަދަލު ނައުމުން ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގައި ޓޮޓެންހަމް ފަރާތުން މޮޅުވުމުގެ އަޒުމް ފެނުނު އިރު ސްޓީކް ސިޓީއިން ކުޅުނީ އިދިކޮޅު ޓީމުގެ ޑިފެންސަށް ބާރު ބޮޑު ކޮށްގެންނެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ހުރިހާ ފުރުސަތެއްވެސް ބޭކާރުވުމުން ޕެނަލްޓިއާއި ހަމައަށް ދަތުރު ކުރި އެވެ.

ސްޓޯކް ސިޓީއަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޖޮނަތަން ވޯލްޓާސް އާއި ގްލެން ވެލަން އާއި މާކް ވިލްސަން އާއި ޕީޓާ ކްރައުޗް އާއި މެތިއު އެތެރިންގްޓަން އާއި މެތިއު އަޕްސަން އަދި ރަޔަން ޝަޓަން އެވެ. ސްޓޯކްގެ ޖާމެން ޕެނަންޓް ޖެހި ޕެނަލްޓީ ޓޮޓެންހަމްގެ ކީޕަރު ގޮމޭސް ވަނީ ދިފާޢުކޮށްފަ އެވެ. ޓޮޓެންހަމް އަށް ޕެނަލްޓީ ތައް ކަމިޔާބުކޮށްދިނީ ޖޭމެން ޑެފޯ އާއި އެންދްރޯސް ޓައުންސެންޑް އާއި ވެޑްރަން ކޯލުކާ އާއި ޔޫނެސް ކާބޫލް އާއި ޖޭކް ލިވާމޯ ގެ އިތުރުން ތޯމަސް ކެރޯލް އެވެ. މިމެޗުގައި ޓޮޓެންހަމްގެ މަސިމޯ ލުއޮންގޯ އާއި ރޯމަން ޕަލްވިޔުންޝެންކޯ ޖެހި ޕެނަލްޓީތައް ނާކާމިޔާ ބުވުމުން 7-6 ގެ ނަތީޖާއަކުން މޮޅުވީ ސްޓޯކް އެވެ.

ފަހު ހާފުގައި ޖެހި ދެ ލަނޑުން އެސްޓަން ވިލާ އަތުން މޮޅުވެ ބޮލްޓަން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. މެޗުގައި ބޮލްޓަން އިން ކާމިޔާބުކުރި ދެލަނޑު ޖެހީ ކްރިސް އީގަލްސް އާއި ގާލް ކަކޫޓާ އެވެ. އީގަލްސް ގެ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ފެނުން އިރު، ކަކޫޓާގެ ލަނޑު ފެނުނީ މެޗުގެ 77 ވަނަ މިނެޓުގަ އެވެ. މިމެޗު ބޮލްޓަން އިން ކަމިޔާބު ކުރީ 2-0 ލަނޑުންނެވެ.

ޕްރެމިއާ ލީގުގެ ތާރީހުގައި ކާމިޔާބީތަކެއް ހޯދާފައިވާ ލީޑްސް ޔުނައިޓެޑްގެ މައްޗަށް މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން މޮޅުވީ 3-0 ލަނޑުން ނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑުތައް ޖަހާދީފައިވާ ފުރަތަމަ ދެލަނޑު މެޗުގެ 15 އަދި 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މައިކަލް އޮވެން އެވެ. ފަހު ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަޔަން ގިގްސް އެވެ.

އާސެނަލް ވަނީ ފަހަތުން އަރާ 3-1 ލަނޑުން ޝްރޫބަރީ ޓައުން އަތުން މޮޅުވެފަ އެވެ. ޝްރޫބަރީ އަށް މެޗުގެ 16 ވަނަ މިނެޓުގައި ޖޭމްސް ކޮލިން ވަނީ ލީޑު ހޯދައިދީފަ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން 33 ވަނަ މިނެޓުގައި ކިރެން ގިބްސް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އާސެނަލް އަށް ފުރަތަމަ ފަހަރަށް މެޗުގެ 58 ވަނަ މިނެޓުގައި އެލެކްސް އޮކްސްލޭންޑް-ޗެމްބާލެން ލީޑު ހޯދައިދިން އިރު މެޗުގެ 78 ވަނަ މިނެޓުގައި ޔޮސީ ބެނަޔޫން ވަނީ ލީޑު ފުޅާ ކޮށްދީފަ އެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން އާސެނަލް އަށް ކާމިޔާބީ ލިބިގެންނެވެ.

އިތުރު ވަގުތު ކުޅެ 4-3ގެ ނަތީޖާއަކުން ނިއުކާސަލް ވަނީ ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް ކާމިޔާބީ ހޯދާފައެވެ. މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ޕީޓާ ލޮވެންކްރޭންޑްސް ވަނީ ނިއުކާސަލް ލީޑު ހޯދައިފީފަ އެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން މިނެޓެއް ނުވަނީ ރޮބީ ފިންޑްލީ ވަނީ ނޮޓިންގްހަމް އަށް ނަތީޖާ ހަމަކޮށްދީފަ އެވެ. ނިއުކާސަލް އަށް މެޗުގައި އަލުން ލޮވެންކްރޭންޑްސް ވަނީ ލީޑް ހޯދައިދީފަ އެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން 66 ވަނަ މިނެޓުގައި މެޓް ޑާބީސަޔާ އަލުން ނަތީޖާ ހަމަހަމަ ކުރި އެވެ. ފުރިހަމަ ވަގުތު ހަމަވި އިރު 2-2 ލަނޑުން ދެ ޓީމު އެއްވަރު ވުމުން އިތުރު ވަގުތާއި ހަމައަށް ދިޔަ އެވެ.

އިތުރު ވަގުތުގެ 93 ވަނަ މިނެޓުގައި ޑެނީ ސިމްޕްސަން ނިއުކާސަލް އަށް އަލުން ލީޑު ނަގައިދިން އިރު 114 ވަނަ މިނެޓުގައި މާކަސް ޓަޑްގޭ ނޮޓިންގްހަމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ނިއުކާސަލް ކެޕްޓަން ފެބްރިސިއޯ ކޮލަޗިނީ ވަނީ ލަނޑެއް ކާމިޔާބުކޮށް ނިއުކާސަލް އަށް ކުރި ހޯދައިދިނެވެ. މިމެޗު ނިމުނީ 4-3 ލަނޑުން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.

ބްލެކްބާން ވަނީ 3-2 ލަނޑުން ލޭޓަން އޮރިއެންޓްގެ މައްޗަށް މެޗު ކާމިޔާބުކޮށްފަ އެވެ. ބްލެކްބާންގެ ލަނޑުތައް މެޗުގެ 44، 71 އަދި 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖާސަން ރޮބާޓްސް އާއި ރުބެން ރޮޗިނާ އަދި ސައިމަން ވުކްޗެވިޗް އެވެ. ލޭޓަން އަށް ލަނޑުތައް މެޗުގެ 64 އަދި 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޭވިޑް މޫނީ އާއި ޑީން ކޯޒް އެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރޮޗްޑޭލް އަތުން އަލްޑާސޮޓް ޓައުން މޮޅުވީ 2-1 ލަނޑުން ނެވެ. މިލްޓަން ކޭނެސް ޑޮންސް އަތުން ބާންލީ 2-1 ލަނޑުން މޮޅުވިއިރު، މިލްވޯލް ކޮޅަށް ވޮލްވްސް އިން ފަސް ލަނޑު ޖަހާފައިވެ އެވެ. ކްރިސްޓަލް ޕެލެސްގެ އިން ވަނީ މިޑްލްސްބްރޯ މައްޗަށް 2-1 ލަނޑުން ކާމިޔާބީ ހޯދާފަ އެވެ.