29 Aug 2018, 16:03
މާދަމާ ރޭ ރަސްމީކޮށް ހުޅުވާ ސިނަމާލެ ބްރިޖު އާންމު ޓްރެފިކަށް ހުޅުވާލާނީ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހައުސިންގް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖު ހުޅުވާލާ ދުވަހުގެ ކުރިން މާލޭގެ މަގުތަކުގައި ތާރު އެޅުމާއި، ހުޅުލެއާއި ހުޅުމާލެއާ ދެމެދު ގުޅާލާ މަގުތައްވެސް ނިމޭނެ ކަމަށެވެ.
މާލޭ ރިންގު ރޯޑުގެ ނަމުގައި ބްރިޖާ ގުޅޭ ބޭރުމަގު ތަރައްގީ ކުރާއިރު އެ މަގުގައި އިންދާނެ ގަސްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވީ 450 އަށް ވުރެ ގިނަ ގަސް ބޮޑުތަކުރުފާނުމަގުގައި އިންދާނެ ކަމަށެވެ.
ބްރިޖު މަތީގެ އާންމު ދަތުރުތައް އަންނަ މަހުގެ ހަތްވަނަ ދުވަހު ފަށާއިރު ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ނަގާނެ ޓޯލްގެ ތަފްސީލު އަދި އާންމުކޮށްފައެއް ނުވެއެވެ. މިނިސްޓަރު މުއިއްޒު މިއަދުވެސް ވިދާޅުވީ ޓޯލްގެ ގޮތުގައި ނަގާނީ އާންމުންނަށް ބުރަ ނުވާނެ ފަސޭހަ ލުއި ފީ އެއްކަމަށެވެ.
ބްރިޖުގައި ހަތަރު ލޭން އޮންނާނެއެވެ. ކޮންމެ ކޮޅަކަށް ދުއްވަން ދެ ލޭން ހާއްސަ ކޮށްފައިވާއިރު ހައުސިން މިނިސްޓަރު މިއަދު ވިދާޅުވީ ކޮންމެ ކޮޅަކުންވެސް އެއް ލޭން ޚާއްސަ ވާނީ ބަހަށް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓަށާއި ސައިކަލްތަކަށް ކަމަށެވެ. އަނެއް ލޭން ޚާއްސަ ކޮށްފައި ވަނީ ކާރަށާއި އެހެނިހެން ވެހިކަލްތަކަށެވެ. ބްރިޖުގައި ބަހުގެ ހިދުމަތް ދޭނީ އެމްޕީއެލްއިންނެވެ.
މިނިސްޓަރު ވިދާޅުވީ މާދަމާ ބްރިޖު ހުޅުވި ނަމަވެސްް ހަތް ދުވަހުގެ މުއްދަތަކަށް އުފާ ފާޅުކުރުން ނުވަތަ "ސެލެބްރޭޝަންސް" ކުރިއަށް ގެންދާނެ ކަމަށެވެ. މި މުއްދަތުގައި ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި ބްރިޖު މައްޗަށް އަރައި ފޮޓޯނެގުން ފަދަ ކަންތައް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"31 އޮގަސްޓުން 6 ސެޕްޓެމްބަރާ ހަމައަށް ކޮންމެ ދުވަހަކުވެސް ބްރިޖަށް އަރާ ފޮޓޯ ނަގައި، ހިނގައި ހުރިހާ ކަމެއް ކުރެވޭނެ މާލެ ކޮޅުން ހުޅުލެއާ ހަމައަށް. ހުޅުމާލެ ކޮޅުން މިކޮޅަކަށް ނާދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މި ތާރީޚުތަކަށް ބަދަލު ގެނައުމަކީވެސް އެކަށީގެންވާކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބްރިޖުގައި ކުރިއަށް ގެންދާ އިވެންޓުތަކުގެ ތެރޭގައި ބްރިޖުމަތީ ކުރާ ކައިވެނިތަކާއި ބައިކް މޯލްޑިވްސްގެ ބައިސްކަލް އިވެންޓް، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިވެންޓަކާއި ސްކޫލު ކުދިންނާއި އެމްއެންޑީއެފްގެ ޕެރޭޑް އަދި ޒުވާނުން އިސްނަގައިގެން ބާއްވާ ކާރު އަދި ސައިކަލް ޝޯ ހިމެނެއެވެ.
ޗައިނާއާއި ރާއްޖޭގެ އެކުވެރިކަން ރަމްޒުކޮށްދޭ ބްރިޖުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއިންނެވެ. މި މަސައްކަތަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.