ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި "ސައުދީ އަރަމްކޯ"ގެ ހިއްސާ އާންމުންނަށް ވިއްކުމަށް ޓަކައި ކުރަމުން އައި މަސައްކަތްތައް ހުއްޓުވީ އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އާލް ސައުދުކަމަށް އެ ގައުމުގެ ސަރުކާރާ ގާތް މަސްދަރުތަކަކުން ހާމަކޮށްފި އެވެ.

ސައުދީ ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ ސައުދީ އަރަމްކޯ ކުންފުނީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، އެކުންފުނީގެ ފަސް ޕަސަންޓު ހިއްސާ އާންމުންނަށް ވިއްކުމަށް ނިންމެވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ. މިއީ ޕްރިންސް މުހައްމަދުގެ 2030ގެ އިގްތިސާދީ ތަސައްވަރުގައި ހިމެނޭ މުހިންމު އެއް މަސައްކަތެވެ.

އެހެން ނަމަވެސް ގާތްގަނޑަކަށް 100 ބިލިޔަން ޑޮލަރަށް އަމާޒުކޮށް، ދުނިޔޭގެ މިހާތަނަށް ހުޅުވާލެވޭ އެންމެ ބޮޑު އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ)ގެ މަސައްކަތްތައް މަޑުޖައްސާލިކަން ސައުދީ ސަރުކާރުން މިދިޔަ ހަފްތާގައި އިއުލާނުކުރި އެވެ. އަދި އެގައުމުގެ ހަކަތައާ ބެހޭ ވަޒީރު ވިދާޅުވީ ސައުދީ ސަރުކާރަށް ފެންނަ ގޮތުގައި އެންމެ ރަނގަޅު ވަގުތާއި ހާލަތުގައި އެ އައިޕީއޯ ކުރިއަށް ގެންދާނެ ކަމަށެވެ.

އެހެން ނަމަވެސް ސައުދީ ސަރުކާރާ ގުޅުންހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، ސައުދީގެ ގައުމީ ތެޔޮ ކުންފުނީގެ އައިޕީއޯ ހުއްޓުވީ ސީދާ އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.

"މި ނިންމުން އައީ ޝާހީ އާއިލާގެ މެމްބަރުންނާއި ބޭންކުތަކުގެ އިސްވެރިންނާއި ތެލުގެ ވިޔަފާރިކުރާ މީހުންނާއި އަރަމްކޯގެ ކުރީގެ ސީއީއޯއަކާ އެކު ސަލްމާން ރަސްގެފާނު ބައްދަލުކުރެއްވުމަށް ފަހު،" ނަން ހާމަނުކުރަން އެދުނު މަސްދަރަކާ ހަވާލައިދީ ރޮއިޓާސް އިން ރިޕޯޓުކުރި އެވެ. ރޮއިޓާސް އިން ބުނި ގޮތުގައި މި ބައްދަލުވުންތައް ކުރިއަށް ދިޔައީ ރަމަޟާން މަހުގެ ތެރޭގަ އެވެ.

ސަލްމާން ރަސްގެފާނަށް ލަފާ އެރުވި ފަރާތްތަކުން ބުނި ގޮތުގައި، މި އައިޕީއޯގެ ސަބަބުން ސައުދީ އަރަބިއްޔާއަށް ކުރިއެރުން ލިބުމުގެ ބަދަލުގައި ލިބޭނީ ދެރަކަން ކަމަށެވެ.

"އެފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އައިޕީއޯއެއް ކުރިއަށް ގެންގޮސްފި ނަމަ ކުންފުނީގެ ހުރިހާ މާލީ ހިސާބުތަކާއި ބަޔާންތައް އާންމުކުރަން ޖެހުން،" މަސްދަރަކާ ހަވާލައިދީ ރޮއިޓާސްއިން ބުންޏެވެ.

ރަސްގެފާނަށް މި ލަފާ ލިބިވަޑައިގަތުމާ އެކު އެމަނިކުފާނު ވަނީ ސައުދީ އަރަމްކޯގެ އައިޕީއޯ ވަގުތުން ހުއްޓާލުމަށް އަމުރުކުރައްވާފަ އެވެ.

"ރަސްގެފާނުގެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުން. އެމަނިކުފާނު ނޫނެކޭ ވިދާޅުވުމުން އެ ނިމުނީ. އެކަމަށް ޖަދަލެއް ނުކުރެވޭނެ،" ސިއްރު މަސްދަރަކުން ރޮއިޓާސްއަށް ބުންޏެވެ.

ސައުދީގެ ވަލީއަހުދު އަދި ސަލްމާން ރަސްގެފާނުގެ ދަރިކަލުން ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް، ސައުދީ އަރަމްކޯގެ ހިއްސާ އާންމުންނަށް ވެސް ވިއްކަން ނިންމެވީ އެގައުމުގެ އިގްތިސާދު ތެލަށް ބަރޯސާވާ ވުން ކުޑަކުރުމަށް ޓަކައި ގައުމަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދުމުގެ މަގްސަދުގަ އެވެ. އެމަނިކުފާނުގެ ވިޝަން 2030ގެ ދަށުން ސައުދީއަށް ޒަމާނީ އަދި އިގްތިސާދީ އިސްލާހުތައް ގެންނަން އިއުލާނުކުރައްވާފައިވެ އެވެ.

އަދި ޕްރިންސް މުހައްމަދު ވަނީ، ސައުދީ އަރަމްކޯގެ އައިޕީއޯގެ ސަބަބުން ޒަމާނުއްސުރެ "ސިއްރިއްޔާތުގައި" ހިންގަމުން އައި ސައުދީ އަރަބިއްޔާގައި ދެފުށް ފެންނަ ފަދަ ސަގާފަތެއް އަށަގަންނާނެކަމުގެ ވައުދު ވެސް ވެވަޑައިގެންފަ އެވެ.

ދަރިކަލުން ޕްރިންސް މުހައްމަދުގެ އިގްތިސާދީ ޕްލޭންތަކަށް ސަލްމާން ރަސްގެފާނު ހުރަސް އެޅުއްވި ނަމަވެސް، ރަސްގެފާނަށް ފަހު ސައުދީ އަރަބިއްޔާގައި އެންމެ ބާރުގަދަ ފަރާތަކީ އަދި ވެސް މުހައްމަދެވެ.