29 Aug 2018, 12:02
ވޯޓުލާން ރެޖިސްޓްރީ ވެފައިވާތަން ޗެކްކުރުމަށް އެސްއެމްއެސް ކުރާ "1414"ގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރޭ އެ ކޮމިޝަނުގެ އިންޓަނެޓްގެ ހިދުމަތް މެދު ކެނޑުމުގެ ސަބަބުން 1414ގެ ހިދުމަތަށް ބުރޫއަރާފައިވާ ކަމަށެވެ. މައްސަލަ ހައްލު ކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އަދި މައްސަލަ ހައްލުކުރެވޭނެ ވަކި ގަޑިއެއް ވެސް ބުނަން ނޭނގޭ ކަމަށް އިލެކްޝަނުން ބުންޏެވެ.
ރި ރެޖިސްޓްރީ ކުރަން ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެކި މައްސަލަތައް ދިމާވެގެން ބާތިލު ކުރި 5626 މީހުންގެ ފޯމު އަލުން ރި ރެޖިސްޓްރީއަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު މިއަދު އިރުއޮއްސި ހަޔަކަށް ހަމަވާނެ އެވެ. އަދި ރި ރެޖިސްޓްރީއަށް ޝާކުވާ ހުށަހަހެޅުމުގެ ފުރުސަތު ވެސް މިއަދު އިރުއޮއްސި ހަޔަކަށް ހަމަވާނެ އެވެ.
ރަޖިސްޓްރީ އޮންލައިން މެދުވެރިކޮށް ޗެކު ކުރާ ނިޒާމަށް މައްސަލަ ދިމާވުމުން އިތުރު ވަގުތު ދެއްވާނެތޯ ދެންނެވުމުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެކަމަށް އިތުރު ވަގުތު ދިނުމަށް އަދި ނިންމާފައި ނުވާ ކަމަށެވެ.