29 Aug 2018, 12:13
އިދިކޮޅު ކޯލިޝަނުގައި ތިބީ ރައްޔިތުންނަށް މާޔޫސްކަން ގެންނަ ހިޔާލާއި ވިސްނުމުގައި އެއްވެސް ތާޒާކަމެއް ނެތް "ފުޅިމަދު އުނގުރިއަކަށް ފުދޭ" ހަތަރު ލީޑަރުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރ. އަދި ނ. އަތޮޅަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި އިއްޔެ ރ. މީދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ލީޑަރުން ތިބީ ގޮތް ހުވެފައި ކަމަށެވެ. އަދި އެމީހުން ތިބީ ހަތަރު އަނގޮޅީގައި ތާށިވެފައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"ގޮތް ހުސްވެފައި ތިބި. ކުރިއަށް ދާނެ ގޮތެއް ނޭންގެ. ހަތަރު އަނގޮޅިއެއްގައި ތާށިވެފައި ތިބި، އެހެންނަމަވެސް ކޮންމެ އިރެއްގައި ބުންޏަސް ފުޅިމަދު އުނގުރިއަކަށް ފުދޭ. ރައްޔިތުންނަށް މާޔޫސްކަން ގެންނަ، ހިޔާލާއި ވިސްނުމުގައި އެއްވެސް ކަހަލަ ތާޒާ ކަމެއް ތަނަވަސްކަމެއް ނެތް. ގޮތް ހުސްވެފައި. ރައްޔިތުން ގޮވައިގެން ކުރިއަށް ދެވޭނެ އެއްވެސް ކަހަލަ މަގެއް ރައްޔިތުން ކައިރީ ކިޔައިދޭން ނޭނގޭ ހަތަރު ވަރަކަށް ލީޑަރުން މިއުޅެނީ އެއްކޮޅަށް އަރައިގެން." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުން ކުރިމަތީގައި މައްސަލަ އޮޅުވާލައިގެން ވާހަކަދައްކާ މީހެއް ނޫން ކަމަށެވެ. އަދި "ކަންކަމުގެ ހައްލަކީ އުމަރު ނަސީރު ނޫންކަން ވެސް މިހާރު އެނގިޖެ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ރ އަތޮޅަށް ކުރެއްވި ދަތުރު ފުޅުގެ ތެރެއިން މީދޫގައި --- ފޮޓޯ/ ރައީސް އޮފީސް
މިހާރު އިދިކޮޅު ލީޑަރުން ދައްކަމުން ދަނީ އަމިއްލަ ޖާހާ "މަވެތި ކަންތައްތަކެއްގެ ވާހަކަ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އޭގެތެރޭގައި ގައުމީ ސިފައެއް ޖެހޭ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
"އެކަހަލަ މައްސަލައެއް އޮތް ނަމަ ތަކުރާރުކޮށް އަޅުގަނޑު އެބޭފުޅުންނަށް ދައުވަތު ދިނިން. ދޭރަ ވަނަ ދައުވަތު އަޅުގަނޑު ދީފިން އަންނާށޭ މޭޒު ކައިރިއަށް ވާހަކަ ދައްކަން. އަޅުގަނޑަށް އެންމެ ރަނގަޅު މިހާރު އެބޭފުޅުން އެ ގެންނަވާ ގޮތަށް އަޅުގަނޑާއެކީ މޭޒު ކައިރިއަށް ވާހަކަ ދައްކަން ބޭރު ކަރަކަރައިން މީހުން ގޮވައިގެން އަޔަސް އަޅުގަނޑު މައްސަލައެއް ނެތް." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ނަމަ އިދިކޮޅު މީހުންނާ އެކު މަޝްވަރާއަށް އެމަނިކުފާނު އިށީންނަވާނެ ކަމަށެވެ. އެކަމަކު އިދިކޮޅު މީހުން މަޝްވަރާގެ މޭޒުގައި އިށީންނަވަން ބޭނުން ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އިދިކޮޅުން ބުނަނީ މަޝްވަރާ އަށް ދާނީ ސިޔާސީ ކުށްވެރިން ޝަރުތަކާ ނުލައި ދޫކޮށްލުމުން ކަމަށެވެ.