ނ. ވެލިދޫ ކައިރީގައި އެއާޕޯޓެއް އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މީގެ ކުރިން ކުރެއްވި އިޝާރާތް އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.

ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ރޭ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ވެލިދޫ ކައިރީ އޮންނަ ވިހަފަރުގައި މަތިންދާބޯޓު ޖެއްސޭނެ ކަމަށެވެ.

"ސެޕްޓެމްބަރުން 23 ގައި މި ދެއްވާ ވޯޓަކީ އެއް ނަންބަރަށް ދެއްވާ ވޯޓަކަށް ހައްދަވާ، އެކަން ކޮށްދެއްވާ. އެކަން ކޮށްދެއްވީމަ އަޅުގަނޑަށް ހީވަނީ ދެ އަހަރެއްހައި ދުވަސް ތެރޭގައި ކީއްތޯ ވާނީ މަތިންދާބޯޓެއްގައި އައިސް ވިހަފަރުގައި އަޅުގަނޑު ޖައްސާލިއްޔާ؟"

އެއާއެކު ވެލިދޫ އާއި ހޮޅުދޫ ރައްޔިތުންނަށް އުފާވެރިކަން ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެލިދޫ އަށް ކުރެއްވި ދަތުރުފުޅެއްގައިވެސް ރައީސް ވަނީ އެ ރަށް ކައިރީ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.

ވެލިދޫ ކައިރީ އެއާޕޯޓެއް ތަރައްގީ ކުރާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު، އެ އަތޮޅު މާފަރުގައި ތަރައްގީކުރި ބައިނަލްއަގުވާމީ އެއާޕޯޓު ރައީސް ވަނީ އިއްޔެ ހުޅުވައި ދެއްވައިފައެވެ. ވެލިދޫއާއި މާފަރަކީ އަތޮޅުގެ ދެ ބިތުގައި އޮންނަ ދެ ރަށަށް ވާއިރު ވެލިދޫއިން މާފަރަށް ދިއުމަށް ގިނަ ވަގުތު ހޭދަވެއެވެ. ވެލިދޫއާއި މިހާރު އެންމެ ކައިރީ ރ. އިފުރު އެއާޕޯޓެއެވެ.