މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އިން ދިޔަ ހައްޖާޖީން މިއަދު މާލެ އަންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު މާލެ އައިސްފައި ވަނީ ޒައީ ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ 96 ހައްޖާޖީން ކަމަށެވެ.

މާދަމާ ތަޒްކިޔާ ގްރޫޕްގެ 31 ހައްޖުވެރިން ވެސް މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ހައްޖަށް ދިޔަ ހައްޖާޖީން އެންމެ ފަހުން މާލެ އައުަމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. މިއީ ސައުދީ ސަރުކާރުން ރާއްޖެއިން އިތުރުކޮށް ދިން 1000 ކޯޓާގެ ދަށުން ހައްޖަށް ދިޔަ މީހުންތަކެކެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަން ފިޔަވައި އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދީފައި ވަނީ ހަތަރު ގްރޫޕަކަށެވެ. އެއީ އަލް ހަރަމައިން ހައްޖު އަދި އުމްރާ ގްރޫޕް އާއި ޒައީ ގްރޫޕްގެ އިތުރުން ސިސިލްފަރު އެންޑް ހައްޖު އުމްރާ ގްރޫޕް އަދި ތަޒްކިޔާ ގްރޫޕަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެ އިން ހައްޖަށް ދާ ހާޖީންގެ ކަންތައްތައް ހިނގައިދާ ގޮތް ބެލުމަށާއި ސައުދީ އަރަބިއްޔާގައި ހައްޖުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް މައްކާގައި މިދިޔަ ޖުލައި 28 ވަނަ ދުވަހު "ދިވެހި ހައްޖު މިޝަންގެ އޮފީސް"ގެ ނަމުގައި އޮފީހެއް ވެސް ގާއިމްކޮށްފައިވާ ކަަމަށެވެ.