21 Sep 2011, 09:32
ނިޔުޔޯރކް (ސެޕްޓެމްބަރ 21) : އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ލީބިޔާގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް ނިޔުޔޯކްގައި ރޭ ބައްދަލުކުރައްވައިފިއެވެ. ދެބޭފުޅުންގެ ބައްދަލުވުން ކުރިޔަށް ދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެއެވެ. މިއީ ލީބިޔާގެ ކުރީގެ ލީޑަރ ކާރނަލް މުޢައްމަރުލްގައްޒާފީގެ ވެރިކަން ވެއްޓުމަށްފަހު ލީބިޔާގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ ވެރިއަކާ، އެމެރިކާގެ ރައީސް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
މިބައްދަލުވުމުގެ ކުރިން ލީބިޔާއާއި އެޤައުމުގެ ރަޙްމަތްތެރިންގެ ގޮތުގައި ޙަރަކާތްތެރިވާ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމެއް ނިޔުޔޯކްގައި ހުންނަ އދ. ގެ މައިމަރުކަޒުގައި އޮތެވެ. މިބައްދަލުވުމުގައި ލީިބިޔާގެ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލުގެ އިތުރުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ފަރަންސޭސި ރައީސް ސަރކޯޒީއާއި ޤަތަރުގެ އަމީރު ޙަމަދްބިން ޚަލީފާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮބާމާވަނީ ލީބިޔާގައި ހުންނަ އެމެރިކާގެ އެންބަސީ އަންނަ ހަފްތާގައި ހުޅުވައި އެމެރިކާގެ ސަފީރު ގެ ރަސްމީ މަސައްކަތްތައް ލީބިޔާގައި ފަށާނެކަން ހާމަކުރައްވާފައެވެ. ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ވިދާޅުވީ ލީބިޔާގެ އިންތިޤާލީ މަޖިލީހުން އެދެމުންގެންދާ މިންވަރަކަށް ނޭޓޯއިން ލީބިޔާގައި ވައިގެ ޢަސްކަރީ އޮޕަރޭޝަންތައް ހިންގާނެ ކަމަށް ވިދާޅުވެފައެވެ.
މިބައްދަލުވުމުގައި ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލު ވަނީ ލީބިޔާއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ވަރަށް ޙަރަކާތްތެރި ޤައުމަކަށް ހައްދަވާނެ ކަމަށާއި އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޑިިމޮކްރެޓިކް ނިޒާމެއް ލީބިޔާގައި ޤާއިމްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. (އަލްޖަޒީރާ)