29 Aug 2018, 09:56
ނަސްލީ ތަފާތުކުރުންތައް ކުރިން ހޮލީވުޑްގައި އޮތް ނަމަވެސް މިއަދު މިވަނީ މުޅިން މަންޒަރު ބަދަލުވެފައެވެ. މިފަދަ ކަންތައްތަކަށް ބޮޑު ގޮންޖެހުމެއްޖަހާލި ފިލްމަކަށްވީ ހުސްވި ޖަނަވަރީ މަހު މާވެލް ސްޓޫޑިއޯއިން "ބްލެކް ޕެންތާ" ނެރުނު ހިސާބުންނެވެ.
އެ ފިލްމަށްފަހު "ކްރޭޒީ ރިޗް އޭޝިއަންސް"ގެ ނަމުގައި އޭޝިއާގެ ނަސްލަށް ނިސްބަތްވާ އެކްޓަރުންނާއެކު އުފެއްދި ފުރަތަމަ ހޮލީވުޑް ފިލްމެއް މިވަނީ ދާދި ފަހުން ރިލީޒްކޮށްފައެވެ.
ސިންގަޕޫރުގައި ޝޫޓުކޮށްފައިވާ އެ ފިލްމަކީ އޭޝިއާ މީހުންގެ ސަގާފަތް އެންމެ ފުރިހަމަ އަށް ދައްކުވައިދޭ ފުރަތަމަ ހޮލީވުޑް ފިލްމުވެސް މެއެވެ. މި ފިލްމާއެކު ނަސްލީ ތަފާތުކުރުންތައް މަދުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ މި މަސައްކަތަށް ތައުރީފުކުރަމުންނެވެ.
ޖޮން އެމްޗޫ ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ފިލްމަކީ 30 ޑޮލަރުގެ ބަޖެޓަކަށް އުފައްދާފައިވާ ފިލްމެކެވެ.
ރޮމޭންޓިކް ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށްފައިވާ އެ ފިލްމަކީ ހުޅަނގާއި އޭޝިއާގެ ސަގާފަތް އެއްވުމުން ކުރިމަތިވާ ގޮންޖެހުންތައް ދައްކުވައިދޭ ފިލްމެކެވެ.
އެމެރިކާގައި ދިރިއުޅެމުން އަންނަ އޭޝިއާ ނަސްލުގެ އަންހެން ކުއްޖަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިރިހެން ކުއްޖާއާ ބައްދަލުކުރުމަށް ސިންގަޕޫރަށް ދާ މަންޒަރު ފިލްމުން ދައްކުވައިދެއެވެ. އެ ދަތުރުގައި އެ އަންހެން ކުއްޖާއަށް ސިންގަޕޫރުގައި ކުރިމަތިވާ ކަންތައްތައްވެސް ފިލްމުގައި ގެނެސްދެއެވެ.
ފިލްމަށް ގިނަ ކްރިޓީކުން ތައުރީފުކުރަމުން އަންނައިރު އެ މީހުން ބުނީ މިފަދަ ފިލްމުތަކަކީ ބޭނުންތެރި ފިލްމުތަކެއް ކަމަށާއި، ނަސްލީ ތަފާތުކުރުންތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މި ފިލްމަށް އޮސްކާ ހައްގު ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.