29 Aug 2018, 10:42
ރ. އަތޮޅު އަދި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު މާލެ ވަޑައިގެންފިއެވެ.
ތިން ދުވަހަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ނ. އަދި ރ. އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ބައެއް ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުވެސް ރައީސް ވަނީ އިއްޔެ ހުޅުއްވައިދެއްވާފައެވެ.
ރައީސްގެ ދަތުރުފުޅުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ބައެއް ރަށްރަށުގައި ކެމްޕޭން ޖަލްސާތައް ބާއްވައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.
އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށާއި ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ގެންދަވަނީ ގިނަ ރަށްތަކަކަށް ޒިޔާރަތް ކުރައްވަމުންނެވެ.