29 Aug 2018, 09:13
ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާ ސަރުކާރުގެ އިސް އޮފިޝަލަކުް ރާއްޖެ ވަޑައިގެންފި އެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނީ އެ ގައުމުގެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ޗެއާމަން ވަންގް ޒިއާތުތާއޯ އެވެ.
ވަންގްގެ އަރިހުގައި ޗައިނާ ސަރުކާރުގެ އިތުރު ފަސް އޮފިޝަލަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
ޗައިނާ އާއި ރާއްޖޭގެ އެކުވެރިކަން ރަމްޒުކޮށްދޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯން އެހީ ހިމެނޭ ގޮތަށް ސަރުކާރުން ޖުމްލަ 200 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ހިންގި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ނިންމުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން ވަނީ ނިންމައިފަ އެވެ.
ބްރިޖް ހުޅުވުން ފާހަގަ ކުރުމަށް ހަވާ އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާމިނުގައި 20 މީޓަރު ހުންނަ ބްރިޖު ހުޅުވުން ފާހަގަ ކުރުމަށް، ހުކުރު ދުވަހު ހެނދުނު ބްރިޖުގައި ޚާއްސަ ބައިސްކަލު ބުރެއް ބޭއްވުމަށް، ބައިކް މޯލްޑިވްސް އިން އަންނަނީ ތައްޔާރުވަމުންނެވެ.
އޭގެ އިތުރުން ސަރުކާރުގެ ޚަރަދުގައި، ބްރިޖް މަތީގައި ބާއްވައިދޭ ކައިވެނި ޕާޓީތައް ވެސް ހުކުރު ދުވަހުން ފެށިގެން އޮންނާނެ އެވެ.