ކާބުލް (ސެޕްޓެމްބަރ 21) : އަފްޣާނިސްތާނުގެ ކުރީގެ ރައީސެއް ކަމަށްވާ ޕްރޮފެސަރު ބުރްހާނުއްދީން ރައްބާނީ އިއްޔެ އަވަހާރަ ކޮށްލައިފި އެވެ. ރައްބާނީ އަވަހާރަ ކޮށްލާފައިވަނީ ކާބުލްގައި ހުންނަ އޭނާގެ ގޭގައި ޖާނުގޮއްވާލުމުގެ ޙަމަލާއެއްދީގެން ކަމަށާއި މިޙަމަލާގެ ފަހަތުގައިވަނީ ތާލިބާން ޖަމާއަތް ކަމަށް އަފްޣާން ސަރުކާރުންވަނީ ތުހުމަތުކޮށްފައެވެ. މިޙަމަލާގައި އިތުރު ފަސްމީހަކު މަރުވިކަމަށްވެސް އަފްޣާން ފުލުހުންބުނެއެވެ.

ރައްބާނީ އަވަހާރަކޮށްލާފައިވަނީ ތާލިބާން ޖަމާއަތުގެ ދެމީހަކާއެކު އޭނާގެ ގޭގައި ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ކަމަށާއި އޭގެތެރެއިން އެކެއްގެ ބޮލުގެ ފަގުޑީތެރޭގައި ގޮވާތަކެތީގެ ބެލްޓެއް ހަރުކޮށްފައިވާ ކަމަށާއި ޖާނުގޮއްވާލީ އެބެލްޓް ބޭނުންކޮށްގެން ހުރިމީހާ ކަމަށް އަފްޣާން ފުލުހުންގެ ސީ.އައި.ޑީ. ގެ ވެރިޔާ މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.

ރައްބާނީއަކީ ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ދެއްކުމަށް އަފްޣާން ސަރުކާރުން އެކުލަވާލާފައިވާ ސުލްޙައިގެ ކައުންސިލްގެ ވެރިޔާއެވެ. ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ދެއްކުމަށް މިހާތަނަށް އޭނާކުރެއްވި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައެއްނުވެއެވެ.

ޕްރޮފެސަރ ރައްބާނީއަކީ 1992 ވަނަ އަހަރު އަފްޣާނިސްތާނުގެ މުޖާހިދުންގެ ޖަމާއަތްތަކުން އެކުލަވާލި ސަރުކާރުގައި ޤައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. 4 އަހަރުގެ ރިޔާސީ ދައުރެއް އޭނާ ފުރިހަމަ ކުރައްވާފައިވެއެވެ. ރައްބާނީ އަވަހާރަކޮށްލި ޙާދިޘާގައި އަފްޣާނސްތާނުގެ ރައީސް ޙާމިދު ކަރުޒާއިގެ އިސްމުސްތަޝާރަކުވެސް ވަރަށް ބޮޑަށް ޒަޚަމްވިއެވެ. (އަލްޖަޒީރާ)