ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށް ގެންދާ ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި ގާއިމްކުރާ އާ ފިއުލް ފާމްގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ތެރޭ ނިންމާލެވޭނެކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ބުނެފިއެވެ.

އެއާޕޯޓުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުމަށްފަހު ފިއުލް ފާމްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ 45،000 މެޓްރިކް ޓަނުގެ ކެޕޭސިޓީ އަކާއެކު ތަރައްގީކުރާ އާ ފިއުލް ފާމަކީ މިހާރު ހުރި ފިއުލް ފާމަށްވުރެ ތިން ގުނަ ބޮޑު ފިއުލް ފާމެއް ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ތިން ފިއުލް ޓޭންކެއް ޖެޓް ފިއުލް ރައްކާ ކުރުމަށް ބަހައްޓާނެއެވެ. މި ތިން ޓޭންކުގެ ފައުންޑޭޝަންގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

ވީއައިއޭގައި ތަރައްގީކުރާ އާ ފިއުލްފާމް --- ފޮޓޯ: އެމްއޭސީއެލް

"ފައުންޑޭޝަން ނިމި ފުރަތަމަ ޓޭންކްގެ ޓޮޕް ރޫފްގެ މަސައްކަތް މިހާރު ދަނީ ނިމެމުން،" އާދިލް ވިދާޅުވިއެވެ.

މީގެ އިތުރުން އެއާޕޯޓުގެ އޮޕަރޭޝަނަށް ބޭނުންވާ ޑީސަލް ރައްކާ ކުރުމަށްވެސް ދެ ޓޭންކު ބަހައްޓާނެއެވެ.

އާ ފިއުލް ފާމާއެކު މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ހައިޑްރަންޓް ސިސްޓަމެއްވެސް ގާއިމުކުރާނެއެވެ. މިއާއެކު އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރަށްވުރެ އެފިޝަންޓް ވާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ފިއުލް ފާމްގެ މަސައްކަތް އެއްކޮށް ނިންމާލާއިރު އެ ސަރަހައްދުގައި ޕޯޓަކާއި ޖެޓީއެއްވެސް ގާއިމުކުރާނެއެވެ.

ފިއުލް ފާމްގެ މަަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ބީޔޫސީޖީ)އާއެވެ. ބީޔޫސީޖީއަކީ އެއާޕޯޓުގެ އާ ރަންވޭ، އާ ސީޕްލޭން ޓާމިނަލް އަދި އާ ކާގޯ ކޮމްޕްލެކްސްވެސް އަޅާ ކުންފުންޏެވެ.