28 Aug 2018, 20:35
ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އޮންނަ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގައި އިތުރު 10 ޗެކިން ކައުންޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ އާ ޗެކިން ކައުންޓަރުގެ މަސައްކަތް ވިންޓާ ސީޒަން ފެށެންވާއިރަށް ނިންމާލެވޭނެ ކަމަށެވެ.
އާދިލް ވިދާޅުވީ އެއާޕޯޓަށް އެއާލައިންތަކުގެ ޑިމާންޑުވެސް އެބައޮތް ކަމަށެވެ.
އޮގަސްޓް 28، 2018: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެންމެފަހުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ރަންވޭ ނިމި ޕާކިން އޭރިއާ ބޮޑުކޮށް އޭޕްރަންތައް ނިމުމާއެކު ގިނަ އެއާލައިންތައް ދަތުރު ކުރަންފަށާނެކަމުގެ ޔަގީންކަން އެބައޮތް،"
މިހާރު އުދުހޭ އެންމެ ބޮޑެތި އެއާކްރާފްޓުތަކަށްވެސް ލޭންޑުކުރެވޭ ފެންވަރުގައި ތަރައްގީ ކުރަމުން އަންނަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޯޑް އެފް ރަންވޭއަށް އޭ380 ޖެއްސުމުގެ ކުރިން އެއާޕޯޓުން ފޯރުކޮށްދޭ އެހެން ޚިދުމަތްތައް ތަރައްގީ ކުރަންޖެހޭކަމަށް އާދިލް ވިދާޅުވިއެވެ.
ބޮޑު އެއާކްރާފްޓެއް އޮޕަރޭޓުކުރުމަށް އެއްވެސް އެއާލައިނަކާއެކު އަދި މަޝްވަރާ ނުކުރާ ކަމަށާއި މިހާރު ބޭނުންކުރާ ޓާމިނަލްއާއެކުވެސް އޮފް ފީކް ގަޑިތަކުގައި ބޮޑު އެއާކްރާފްޓަކަށް ކޭޓާ ކުރެވިދާނެ ކަމަށް އާދިލް ވިދާޅުވިއެވެ.
އާ ޓާމިނަލްގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށާއި މިހާރު ބޭނުންކުރާ ޓާމިނަލްގެ ޕިއާ ބްރިޖު ތަޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އާދިލް ވިދާޅުވިއެވެ.
އޮގަސްޓް 28، 2018: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެންމެފަހުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ތިން ސަތޭކަ މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޕައިލިންގެ މަސައްކަތެވެ.
އެއާޕޯޓްގެ ހުޅަނގު ދެކުނު ފަރާތުން 73،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ނިމުމާއެކު މިހާރު އިންޓަނޭޝަނަލް ޓާމިނަލުން ލިބޭ ހިދުމަތްތަކަށްވުރެ ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެގޮތުން 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރަށް ތަރައްގީކުރާ އާ ޓާމިނަލްގައި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. ފްލައިޓަށް އެރުމަށް އޭރޯ ބްރިޖުތައްވެސް ގާއިމުކުރާނެއެވެ.