28 Aug 2018, 20:01
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރާ އާ ރަންވޭގައި ދެ އިންސްޓްރޫމެންޓަލް ލޭންޑިން ސިސްޓަމް ހުންނާނެ ކަމަށާއި މިއާއެކު ފްލައިޓު ޖައްސާއިރު ކެޕްޓަނުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ބުނެފިއެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ ވާހަކަތައް މީޑިއާއާ ހިއްސާ ކުރައްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ރަންވޭގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ މާކިންއާއި ނެވިގޭޝަން ހަރުކުރުން ފަދަ މަސައްކަތްތަކުގެ ފައިނަލް މަސައްކަތްތައް ކަމަށެވެ.
އާދިލް ފާހަގަކުރެއްވި ގޮތުގައި އެއާޕޯޓުގައި މިހާރު ބޭނުންކުރާ ރަންވޭގައި އެންމެ އައިއެލްއެސްއެއް ހުރި ނަމަވެސް އާ ރަންވޭއާއެކު މީގެ ދެ ސިސްޓަމް ބެހެއްޓިގެންދާނެއެވެ.
އޮގަސްޓް 28، 2018: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެންމެފަހުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިހާރު ބޭނުން ކުރާ ރަންވޭއާ އާ ރަންވޭގެ ތަފާތަކީ، މިހާރު ބޭނުން ކުރާ ރަންވޭގައި [މި ސިސްޓަމް] މި އިންނަނީ އެއް ސައިޑުގަ. މި ރަންވޭގައި ދެ ސައިޑުގައި ހުންނާނެ. ސިސްޓަމްގެ ބޭނުމަކީ ކެޕްޓަނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުން. ދެ ސިސްޓަމް ހަރުކުރެވުމާއެކު އިތުރަށް ފަސޭހަވެގެން ދާނެެ،"
ރަންވޭއަށް ޓެސްޓް ފްލައިޓު ޖައްސާނެ ދުވަހެއް ފައިނަލް ކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އަންނަ މަހުގެ ތެރޭ ޓެސްޓް ފްލައިޓު ޖައްސާނެކަމަށް އާދިލް ވަނީ މިއަދުވެސް ވިދާޅުވެފައެވެ. މިހާރުވެސް ރޭގަނޑުު ވަގުތު ރަންވޭގެ ލައިޓިން ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން އާދިލް "ސަން"އަށް ވިދާޅުވެފައިވަނީ، ރަންވޭގެ މަސައްކަތް ނިންމައި ކޮމާޝަލް އޮޕަރޭޝަންތައް ފެށޭނީ ތިން މަސްވަރު ފަހުން ކަމަށެވެ. ރަންވޭ ޕްރޮޖެކްޓުގައި ހިމެނޭ ހުރިހާ ކޮމްޕޯނެންޓެއް އަންނަ އަހަރު ނިންމައި އެތަން ބޭނުން ކުރެވޭނެވަރު ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރަންވޭ ޕްރޮޖެކްޓަކީ 400 މިލިއަން ޑޮލަރު ހަރަދުވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ރަންވޭގެ މަސައްކަތާއި ފިއުލް ފާމްގެ އިތުރުން ކާގޯ ކޮމްޕްލެކްސްއާއި އޭޕްރަން އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
އާ ރަންވޭއަކީ 3.4 ކިލޯ މީޓަރު ދިގު، އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި A380 ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެއްސޭނެހެން ތަރައްގީކުރާ ރަންވޭއެކެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އިންނެވެ.