28 Aug 2018, 23:43
ނ. ވެލިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުން ރަސްމީކޮށް ފާހަގަކޮށްފި އެވެ.
އެ މަޝްރޫއުތައް ނިންމުން ފާހަގަކޮށްފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވެލިދޫއަށް ވަޑައިގަތުމުންނެވެ.
ވެލިދޫގެ ފެނާއި ނަރުދަމާގެ ނިޒާމަކީ އެންޔަވަރަމެންޓް މިނިސްޓްރީއިން މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 34،575،327.41 ރުފިޔާ ހަަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވޮލޮޕްމެންޓްގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ވެލިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ދަށުން ވަނީ 18 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ގާއިމްކޮށްފަ އެވެ. އަދި 95 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު އެ ރަށުގައި ވަނީ ބަހައްޓާފަ އެވެ. އަދި ފެން ރައްކާކުރުމަށް 1668 ކިއުބިކް މީޓަރު ޓަނުގެ ތާންގީއަކާއި 1257 ކިއުބިކް މީޓަރު ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފަ އެވެ.
ވެލިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ ގިރާ ސަރަހައްދުގައ،ި 245 މީޓަރުގެ ރިވެޓްމެންޓް ވަނީ ގާއިމްކޮށްފަ އެވެ. 2016 ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި އެ މަޝްރޫއަށް ސަރުކާރުން 10،111،350.60 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ވެލިދޫގެ ފެނާއި ނަރުދަމާގެ ނިޒާމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާފައިވާ އިރު ރައީސް ޔާމިން ވަނީ މިއަދު، އެ އަތޮޅު މާފަރުގައި ގާއިމްކޮށްފައިވާ އެއާޕޯޓުވެސް ހުޅުއްވައިދެއްވާފަ އެވެ. އެ އެއާޕޯޓުގައި ދަތުރުތައް ފެށުމާއެކު ވެލިދޫ ރައްޔިތުންނަށް ދަތުރުކުމަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.