28 Aug 2018, 20:27
ރާއްޖެއާ ގުޅުމެއް ނެތް ޔޫރަޕުގެ ޑިމޮކްރަސީގެ ހަމަތަކަކަށް ރާއްޖޭގައި ހިތްވަރު ނުދެވޭނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ފެށި ޔޫތު ފޯ ނޭޝަން ޓޯކް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ މާތް ވެގެންވާ އިސްލާމްދީނުގެ ފުރިހަމަ އަސާސްތަކުގެ މަތީގައި ގާނޫނީ ވެރިކަމެއް ހިނގަމުންދާ ގައުމެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ހުޅަނގުގެ ތަހުޒީބަށް ވުރެ އިސްލާމްދީން ގަބޫލުކުރާ ތަހުޒީބީ ޑިމޮކްރަސީއަކަަށް ފައްކާވެ ތައްޔާރުވަމުންދާ ގައުމެއް. އެހެންވީމާ އަޅުގަނޑުމެންގެ ގައުމަށް ގެންނަ ޑިމޮކްރަސީގެ ސިފަތައް ވާންޖެހޭނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ފެތޭ ޑިމޮކްރަސީއަކަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި އެ އަސާސްތަކުގެ ތެރޭގައި ހަރަކާތްތެރިވަމުން ދާއިރު ޔޫރަޕު ފަދަ، ރާއްޖެއާ ގުޅުން ނެތް ޑިމޮކްރަސީގެ ހަމަތަކަށް ހިތްވަރުދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަށް ކުޑަތަންވެފައި އޮތް އިރު ވެސް އިސްތިއުމާރީ ބާރުތަކުން ރާއްޖޭގެ އިޖުތިމާއީ އަދި ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ހުރި މައްސަލަތަކެއް ފެންމަތިކޮށްގެން ނުވަތަ ހުރި މައްސަލަތަކެއް ހުއްޖަތަކަށް ދައްކައިގެން ކުރެވޭ މަސައްކަތްތަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.