ބެއިޖިންގް (އޮގަސްޓު 28): ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް ނުވަތަ އާ ސިލްކް ރޯޑް މަޝްރޫއަކީ ދަރަނި ދަންތުރައެއް ނޫން ކަމަށް އެ ގައުމުން ބުނެފިއެވެ.

ޗައިނާއިން އެފަދައިން ބުނެފައި ވަނީ އެ ގައުމުން އެހީވެ ދޭ ދެ މަޝްރޫއެއް މަޑުޖައްސާލަން ނިންމިކަން މެލޭޝިއާއިން އިއުލާން ކުރި ފަހުންނެވެ. މެލޭޝިއާގެ ބޮޑުވަޒިރު ޑރ. މަހާތީރު މުހައްމަދު ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް މަޑުޖައްސާލީ ޗައިނާގެ ލޯނުތައް ނުދެއްކޭނެ ކަމަށް ގަބޫލުކުރެވޭތީއެވެ.

ޗައިނާގެ ނެޝަނަލް ޑިވެލޮޕްމެންޓު ރިފޯމް ކޮމިޝަން (އެންޑީއާރުސީ)ގެ ވައިސް ޗެއާމަން، ނިންގް ޖިޖޭ ވަނީ ގައުމުތަކުގެ ދަރަނި އިތުރުވުމުގެ ފަހަތުގައި ވަނީ ޗައިނާކަމަށް ބުނާ ބައެއް ގައުމުތަކުން ފަތުރާ ރިޕޯޓުތައް ދޮގު ކުރައްވާފައެވެ.

"(ސިލްކް ރޯޑް މަޝްރޫއުގެ ސަބަބުން) މީހުންގެ އާމްދަނީއާއި (ގައުމުތަކުގެ) އިގުތިސާދީ ތަރައްގީ ވަނީ އިތުރުވެފަ. ދަރަނީގެ ދަންތުރައެއް އުފައްދާފައި ނުވޭ،" ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނިންގް ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުން އެހެން ގައުމުތަކުގައި މަޝްރޫއުތައް ފަށަނީ ވަރަށް ރަނގަޅަށް ބަލައި، އެގައުމަށް ލޯނު އަނބުރާ ދެއްކޭނެކަން ޔަގީންވުމުންނެވެ.

ނަމަވެސް އެ މަޝްރޫއުތަކުގައި ދެފުށް ފެންނަކަން ޔަގީން ކުރުމަށްޓަކައި ތަރައްގީވަމުން އަންނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެއްބާރުލުމަށް މަރުހަބާ ކިޔާނެކަމަށްވެސް ބުނެފައެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން އެ ގައުމުން ދަނީ 65 އަށް ވުރެ ގިނަ ގައުމުތަކުގައި މަޝްރޫއުތައް ހިންގަމުންނެވެ.