ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމު "ބާރަތު"ގެ މަންޒަރުތައް މޯލްޓާގައި ނެގުމަށް ފަހު، ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ސަލްމާން ހާން އެނބުރި މުންބާއީ އަށް އަތުވެއްޖެ އެވެ.

މުންބާއި ގައި ފިލްމުގެ މަންޒަރުތަކެއް ނެގުމަށްފަހު "ބާރަތު"ގެ ކްރޫ މޯލްޓާ އަށް ގޮސްފައި ވަނީ މި މަހުގެ ދިހަ ވަނަ ދުވަހު އެވެ. ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީއާއި ޓީސީރީޒް ގުޅިގެން ހަދާ އެ ފިލްމުގެ މޯލްޓާ ޝޫޓިންގައި ސަލްމާންގެ މަންމަ އާއި އާއިލާގެ ބައެއް މެންބަރުން ވެސް ބައިވެރިވި އެވެ.

އިއްޔެ ވަނީ ސަލްމާން ޝޫޓިން ނިންމައި އެނބުރި މުންބައީ އަށް ގޮސްފަ އެވެ. ސަލްމާން މުންބައި އެއާޕޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ސަލްމާން މޯލްޓާގައި ޝޫޓިން ނިންމުމަށް ފަހު އެނބުރި މުންބައި އެއާޕޯޓުގައި...

ކުރިން ސަލްމާނާ އެކު ޕްރިޔަންކާ ޗޯޕްރާ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ ކަމަށް އިއުލާންކޮށްފައި ވަނިކޮށް ޕްރިޔަންކާ ވަނީ ފިލްމުގެ ކާސްޓުން ބޭރުވެ، ފިލްމު ދޫކޮށްލައިފަ އެވެ. އެއާ އެކު ފިލްމުގެ ޝޫޓިން ފެށީ ކެޓްރީނާ ކައިފްއާއެކު އެވެ.

ހަބަރުތައް ބުނާ ގޮތުގައި "ބާރަތު"ގެ ޓީމް ޝޫޓިން އަށް ދެން ދާނީ އަބޫ ދާބީ އަށެވެ. އެ މަންޒިލްގައި ވެސް ފިލްމުގެ މުހިއްމު މަންޒަރުތަކެއް ނަގަން ވަނީ ހަމަޖެހިފަ އެވެ.

"ބާރަތު"ގައި ސަލްމާން ތަފާތު ގޮތް ގޮތަށް ފެންނާނެ ކަމަށް ވަނީ ހަބަރުތައް ފެތުރިފަ އެވެ. އެ ފިލްމުގެ ޓީޒާ މިހާރު އާންމުކޮށްފައިވާ އިރު ފިލްމާ ދޭތެރޭ ކުރެވޭ އުންމީދު ބޮޑެވެ.

"ބާރަތު" އެއްކޮށް ނިމި ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ ކުޑަ އީދުގަ އެވެ.