28 Aug 2018, 19:58
ހިތްތަކުގައި ގައުމީ ލޯބި ދައުރުވާނަމަ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ގައުމާ ނުކުޅެވޭނެކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ފެށި ޔޫތު ފޯ ނޭޝަން ޓޯކް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިސްލާމްދީނުގައި ޒުވާނުން މަތިވެރި ޝަރަފަކާއި ގަދަރެއް ދީފައިވާ ކަމަށެވެ. އެހެންކަމުން ޒުވާނުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކުރަން މިހާރު ވާޖިބަކަށް ވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދަސްކޮށްދީފައި ހުރީ ރީތި ނަމޫނާތައް ޒުވާނުންގެ ހިތްތަކުގައި އެބަ ޖެހޭ އާލާކުރަން. އިސްތިއުމާރީ ވިސްނުންތަކާއި ފިކުރީ ހަނގުރާމަތަކުން އަޅުގަނޑުމެންގެ ޒުވާނުން ސަލާމަތްކޮށް ގައުމީވަންތަ، ގައުމީ ހިދުމަތް ކުރެވޭ ބަޔަކަށް ވާންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ނޫންނަމަ ގައުމު ސަލާމަތްވުމަކީ ދުރުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަކީ ޒުވާނުން ކަމަށާއި އިސް މަގާމުތަކަށް އަންނަން ތިބީވެސް ޒުވާނުން ކަމަށެވެ. އަދި އެ ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯބި ނެތްނަމަ އިސްތިއުމާރީ ބާރުތަކަށް ރާއްޖެ އަންނަން ފަސޭހަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ހިތްތަކުގައި ގައުމީ ވަންތަކަމާއި ގައުމީ ލޯބި އަދި ގައުމީ ލޭ ހަށިގަނޑުގައި ދައުރުވާކަމުގައި ވާނަމަ އިސްތިއުމާރީ ބާރުތަކަށް ގައުމަކާ ނުކުޅެވޭނެ. އޭގެ ނަމޫނާ އަޅުގަނޑުމެންގެ ކާބަފައިން ވަނީ ދައްކަވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.