28 Aug 2018, 15:18
އަންނަ ބުރާސްފަތި ދުވަހަކީ ދިވެހި ތާރީހުގައި އެތައް ގޮތަކުން ފާހަގަ ކޮށްލެވޭނެ ދުވަހެކެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް ނިންމާ، ހުޅުވާ ދުވަހެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅާލި ޕްރޮޖެކްޓުގެ ފޮނިމީރުކަން ދިވެހިންނަށް ލިބެން ފަށާ ދުވަހެވެ.
ޗައިނާގެސީސީސީސެކަންޑް ހާބަރ އިންޖިނޭރިންއާ ހަވާލުކޮށްގެން ތަރައްގީކުރި ސިނަމާލެ ބްރިޖް ހުޅުވަން ވަގުތު ކުޑަތަންވަމުން އަންނަ އިރު، އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ. ނަމަވެސް އެ ކަންކަން ކައިރިން ބަލާލުމުގެ ފުރުސަތު މީޑިއާ އަށް އަދި ލިބޭގޮތެއް ނުވެ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ހުސައިން ވިދާޅުވީ އެ ސަރަހައްދު މިހާރު އޮތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ސެކިއުރިޓީ ސަބަބުތަކަށްޓަކައި މީޑިއާ އަށް އަދި އެހެނިހެން ފަރާތްތައް ވެސް އެތަނަށް ވަނުމުގެ ހުއްދަ ހައުސިން މިނިސްޓްރީ އަށް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވެސް ވަނީ، ބްރިޖް ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާ އެމްއެންޑީއެފުން ހަވާލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ބްރިޖް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތައް ވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯން އެހީ ހިމެނޭ ގޮތަށް ސަރުކާރުން ޖުމްލަ 200 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ހިންގި ޕްރޮޖެކްޓުގެ ނިންމުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން ވަނީ ނިންމާފަ އެވެ.
އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ވެރިންގެ އިތުރުން، ޗައިނާ ސަރުކާރުގެ އިސް ވެރިން ބައިވެރިވާނެ އެވެ. އަދި ބްރިޖް ހުޅުވުން ފާހަގަ ކުރުމަށް ހަވާ އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާމިނުގައި 20 މީޓަރު ހުންނަ ބްރިޖު ހުޅުވުން ފާހަގަ ކުރުމަށް، ހުކުރު ދުވަހު ހެނދުނު ބްރިޖުގައި ޚާއްސަ ބައިސްކަލު ބުރެއް ބޭއްވުމަށް، ބައިކް މޯލްޑިވްސް އިން އަންނަނީ ތައްޔާރުވަމުންނެވެ.
އޭގެ އިތުރުން ސަރުކާރުގެ ޚަރަދުގައި، ބްރިޖް މަތީގައި ބާއްވައިދޭ ކައިވެނި ޕާޓީތައް ވެސް ހުކުރު ދުވަހުން ފެށިގެން އޮންނާނެ އެވެ.