28 Aug 2018, 14:28
އިނގިރޭސި ޕްރިމިއަރ ލީގަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި ޗެލްސީ މިފަހަރު ހިމެނޭނެކަމަށް އެޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ބުނެފިއެވެ.
ޗެލްސީ ވަނީ މިފަހަރުގެ ޕްރިމިއަރ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ ތިން މެޗު ކާމިޔާބުކޮށް ލިވަޕޫލް، ޓޮޓެންހަމް އަދި ވޮޓްފޯޑާއެކު މިވަގުތު ލީގުގެ އެންމެ ކުރި ހޯދައިފައެވެ.
ފުރަތަމަ ތިން މެޗުން މޮޅުވި ނަމަވެސް ފުޓްބޯޅައިގެ ތަޖްރިބާކާރުން ގަބޫލުކުރާ ގޮތުގައި މައުރީޒިއޯ ސާރީގެ ކްލަބަށް އަދި ލީގަށް ވާދަކުރެވޭ ވަރެއް ނުވެއެވެ. ނަމަވެސް ހަޒާޑް ބުނީ، ޗެލްސީ އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުން، އަދި އިތުބާރު ބޮޑުކުރަމުން ކަމަށެވެ.
"އަހަރެމެން އެބަ ޖެހޭ މިހާރު މިއޮތްގޮތަށް ކުރިއަށްދާން. ސީޒަން ނިމޭއިރުވެސް އެންމެ ކުރީގައި އޮންނަން ޖެހޭނެ،" ހަޒާޑް ބުންޏެވެ.
އޭނާ ބުނީ، ފުރަތަމަ ތިން މެޗުން މޮޅުވުމުން އަދި ލީގު ލިބުނީ ކަމަށް ގަބޫލުކުރަނީ ނޫން ކަމަށެވެ. ނަމަވެސް، ކުރިއަށް ހުރި މެޗު ތަކުގައި ލަނޑުތަކާއި މޮޅުތައް ހޯދުމަށް ހުރިހާ ކުޅުންތެރީން މަސައްކަތް ކުރާނޭ ކަމަށް ހަޒާޑް ބުންޏެވެ.
"އަހަރެމެން ފަށާފައި މިވަނީ ވަރަށް ރަނގަޅަށް. އަދި އަހަރެމެންގެ ހަގީގީ ކުލަ ވަރަށް ރަނގަޅަށް ދައްކަމުން މިދަނީ. މިހާރު އަހަރެމެންގެ އަޒުމަކަށް ވާންވީ މިގޮތުގައި ދެމިތިބުން،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުންޏެވެ.
މިސީޒަންގައި ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވެދާނޭ ކަމަށް ކުރިން ބެލެވުނު ނަމަވެސް އުމުރުން 27 އަހަރުގެ ފޯވާޑް ވަނީ، މިހާރު އެ ވިސްނުން ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.