ބޭރުގެ އިސްތިއުމާރީ ބާރުތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ ރާއްޖޭގެ ބަކި ބަޔަކަށް ދަތިވެދާނެތީ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި ޔޫތު ފޯ ނޭޝަން ޓޯކް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަށް ކުޑަތަންވެފައި އޮތް އިރު ވެސް އިސްތިއުމާރީ ބާރުތަކުން ރާއްޖޭގެ އިޖުތިމާއީ އަދި ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހުރި މައްސަލަތަކެއް ފެންމަތިކޮށްގެން ނުވަތަ ހުރި މައްސަލަތަކެއް ހުއްޖަތަކަށް ދައްކައިގެން ކުރެވޭ މަސައްކަތްތަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ގައުމުގައި އެއްވެސް ހަމަނުޖެހުމެއް، ދިވެހިންނަށާއި ރާއްޖެ އިން ބޭރު މީހުންނަށް އެއްވެސްވަރެއްގެ ދަތިވުމެއް ދަތިކުރުމެއް ނުވަތަ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން އެއްވެސް އުނދަގުލެއް ކުރެވިގެން ނުދާކަން ގައުމުގައި ދިރިއުޅޭ އެންމެން ވެސް ހެކިވާނެ. އެހެންނަމަވެސް މި ގައުމުގައި އުޅޭ އެހެންބަޔަކަށް ދަތިވެދާނެ ކަމަށް ވިސްނާފައި މި ގައުމަށް އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒް ފޯރުވުމުގެ ނަމުގައި މަސައްކަތްތަކެއް ކުރެވިގެންދާތަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެފަދަ އިސްތިއުމާރީ ފަރާތްތަކުން އެފަދައިން މަސައްކަތް ކުރަމުން ގެންދަނީ ކުރިއަށްް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް ވެސް މިނިސްޓަރުު ވިދާޅުވި އެވެ. އަދި އެ ފަދަ މަސައްކަތް އަޅުގަނޑުމެންގެ ކުރިމަތީގައި ކުރަމުންދާ އިރު ޒުވާނުން އެމީހުންގެ ބަސްް ބުނެ އަޑު އިއްވަން ޖެހޭ ކަމަށް މިނިސްޓަރުު ވިދާޅުވި އެވެ.