20 Sep 2011, 20:16
އިގުތިސާދީ، އިޖްތިމާއީ އަދި ސިއްހީ ގޮތުން ގައުމުތައް ހޯދަމުން ގެންދާ ކުރިއެރުންތަކަށް، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން، ހުރަސް އެޅޭ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުހަންމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމާއި އެފަދަ ބަލިތައް ކޮންޓްރޯލްކުރުމާ ބެހޭގޮތުން، އދ. ގެ އާންމު މަޖިލީހުގައި އިއްޔެ ބޭއްވި "ހައި ލެވެލް މީޓިންގ އޮން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޮފް ނޮން-ކޮމިޔުނިކަބަލް ޑިޒީޒަސް" ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އ.ދގެ މައި އިދާރާގައި އިއްޔެ ފެށުނު ބައްދަލުވުމުގައި، އެފަދަ ބަލިތަކުން ދުރުވެ ތިބުމަށް މަގުފަހިކޮށްދޭ އެންމެ މުހިންމު ކަމަކީ، ރައްޔިތުންނަށް އެސަރުކާރަކާމެދު އިތުބާރުކުރެވޭފަދަ، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ހިންގުމާއި، އަސާސީ ސިއްހީ ހިދުމަތްތައް ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުވައިދިނުން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، އިގުތިސާ، އިޖްތިމާއީ އަދި ސިއްހީ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ހުރަސް އެޅޭކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ބަލިތަކުން ރައްކާތެރިވުމަށް، ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހިރާއްޖެއިން އަބަދުވެސް ފާހަގަކުރަމުންގެންދާ، މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ވަރަށް މުހިންމު ކަމަށާއި، އެ ދެކަންތައްވަނީ ގުޅި ލާމެހިފައި ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމާއި އެފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަމުން ގެންދިޔުމަށާއި، އެމަސައްކަތުގައި ލިބެމުންދާ ކުރިއެރުން ބަލަހައްޓަމުން ގެންދިޔުމުގައި ޤައުމީ ފެންވަރުގަޔާއި، ސަރަޙައްދީ ފެންވަރުގަޔާއި، ބައިނަލްއަގުވާމީ ފެންވަރުގައި، މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް ގޮވާލެއްވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ "ޑަބްލިޔޫ.އެޗް.އޯ"އާއި އ.ދ.ގެ އެހެން އިދާރާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން މިހާރުވެސް ކުރިއަށް ގެންދާ މަސައްކަތްތައް ނައިބު ރައީސް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި ޞިއްޙީ ދާއިރާ އިތުރަށް ތަރައްގީކުރުމަށްޓަކައި އދ.އިން ދެއްވާ އެއްބާރުލުމާއި ބައިނަލްއަގުވާމީ އެކިއެކި ޖަމާޢަތްތަކުން ވެދެއްވާ އެހީތެރިކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އެ ޖަމްޢިއްޔާތަކުގެ ފުރިހަމަ އެއްބާރުލެއްވުން ބޭނުންވާނެ ކަމުގައި ވިދާޅުވި އެވެ.
މިބައްދަލުވުމުގައި އެކި ގައުމުތަކުގެ އެންމެ އިސް ވެރިންނާއި، ސަރުކާރު ހިންގަވާ ވެރިންނާއި، ބައެއް ޤައުމުތަކުގެ ހެލްތް މިނިސްޓަރުންނާއި، ޑަބްލިޔޫ.އެޗް.އޯގެ އިސްވެރިންން ބައިވެރިވެވަޑައިގަންނަވައެވެ.
ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ، މިކަމަށް ހައްލެ ހޯދުމާ ގުޅޭ ގަރާރެއް އދ އިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.