ކެންބެރާ (އޮގަސްޓު 28): އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުން މިދިޔަ ހަފްތާގައި ދުރުކުރި މެލްކަމް ޓާންބުލް އަންނަ ހުކުރު ދުވަހު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޓާންބުލް ވިދާޅުވީ، މަޖިލީސް މެމްބަރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވީ ކުރީގެ ބޮޑުވަޒީރުން މަޖިލީހުގައި ތިއްބެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިނުލައްވާތީ ކަމަށެވެ.

"ކުރީގެ ބޮޑުވަޒީރުން މަޖިލީހުގައި ތިއްބެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އަޅުގަނޑު ވަނީ މީގެ ކުރިން ވަރަށް ފާޅުގައި ބުނެފައި. އަދި ދާދި ފަހުން ހިނގާ ދިޔަ ކަންތައްތަކުން އެހިޔާލުގެ މުހިއްމުކަން ފެނިއްޖެ،" ޓާންބުލް ވިދާޅުވި އެވެ.

އޭނާ އެފަދައިން ވިދާޅުވީ، 2013-2015 އަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަން ކުރެއްވި ޓޯނީ އެބޮޓް އަށް އަމާޒުކުރައްވަ އެވެ. އެބޮޓް އަކީ ޓާންބުލް ނިސްބަތްވާ، ވެރިކަން ކުރާ ލޭބާ ޕާޓީގެ މެމްބަރެކެވެ.

ޓާންބުލް މަޖިލީހުން އިސްތިއުފާ ދެއްވުމުން ހުސްވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަން ބާއްވާނީ އޮކްޓޯބަރު މަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ލޭބާ ޕާޓީން ޓާންބުލް އަށް ކުރި ތާއީދު އަނބުރާ ގެންގޮސް، އޭނާ ވެރިކަމުން ވަކިކުރުމަށް ފަހު އެމަގާމަށް ގެނައީ ސަރުކާރުގެ ޚަޒާންދާރު ސްކޮޓް މޮރިސަނެވެ.