ހިޔާ މަޝްރޫއުގެ ދަށުން، ސްޓެލްކޯ އިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ ކޮންކްރީޓް މަސައްކަތް މިއަދު ފަށައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ދެޓަވަރުގެ ކޮންކްރީޓް މަސައްކަތްތައް ފެށީ މިއަދު ހެނދުނު، އެ ޓަވަރުތައް އަޅާ ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ދެ ޓަވަރުގެ ކޮންކްރީޓް މަސައްކަތްތައް ފައްޓަވައިދެއްވީ، ސްޓެލްކޯގެ އިސް ވެރިންނާއި އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ވެރިންނެވެ.

ސްޓެލްކޯ އިން، ރޯޓައިމަށް އެ މަސައްކަތް ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، 540 މިލިއަން ރުފިޔާ އަށެވެ.

މި މަސައްކަތަށް ފައިސާ ހަމަޖައްސާނީ "އެންޑް ޔޫޒާ" ފައިނޭންސް އުސޫލުންނެވެ. ސްޓެލްކޯ އިން ބުނީ ދޮޅު އަހަރު ތެރޭ ޓަވަރުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އެ ޓަވަރުތަކުން އެޕާޓްމެންޓް ގަންނަން ބޭނުންވާ ސްޓެލްކޯގެ މުވައްޒަފުންނަށް އެކުންފުނިން ކޯޕަރޭޓް ގެރެންޓީ ދޭއިރު، ފައިސާ އަނބުރާ ދައްކަން ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ އެވެ.

ސްޓެލްކޯގެ ދެ ޓަވަރުގައި، އެއް ކޮޓަރިއާއި ދެކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓް ހުންނާނެ އެވެ. އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ އެއް މިލިއަން ރުފިޔާއިން ފެށިގެން ތިން މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.