20 Sep 2011, 20:06
އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސްގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިދޭ މިންވަރާ ގުޅޭގޮތުން އާންމު ފަރުދުންނާއި ޖަމާއަތްތަކުން އ.ދ. އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިދޭ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މި މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތަކަކީ، ރާއްޖޭގެ ގާނޫނުއަސާސީއިން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްގުތަކެއް ކަމަށްވާތީ، މިމުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުން، ދިވެހި ސަރުކާރުން މި ހައްގުތައް ރައްކާތެރި ކުރުމުގައި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް އިސްކަންދޭ މިންވަރު ހާމަވެގެންދާނެކަން ފާހަގަކުރެއްވި އެވެ. އަދި މި ހައްގުތައް ލިބިދިނުމުގައި، ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު، ބައިނަލްއަގުވާމީ ފެންވަރުގައި ހާމަވެގެންދާނެ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.
މިއަހަރުގެ ސާކް ސަމިޓް ބޭއްވެވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރ 10 ން 11 އަށް ކަމަށްވާތީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމިއްޔާތުތައްވެސް، ސާކް ސަމިޓްގެ ތެރެއިން ވަގުތު ހޯއްދަވައިގެން ބޭއްވެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އެވެ.