28 Aug 2018, 11:02
މޮސްކޯ (އޮގަސްޓް 28) : އެމެރިކާއިން ސޫރިޔާ އަށް އުދުވާނީ ހަމަލާތަކެއް ދިނުމަށް މަގުފަހިކުރުމަށް ޓަކައި ސޫރިޔާގެ އާންމުންނަށް އަމާޒުކޮށް ކެމިކަލް ހަތިޔާރުގެ ހަމަލާއެއް ޓެރަރިސްޓް ޖަމާއަތަކުން ދީފާނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފި އެވެ.
ނަންހާމަކުރަން ނޭދޭ ރަޝިޔާގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އެމެރިކާ އިން ސޫރިޔާ ސިފައިންނަށް އުދުވާނީ ހަމަލާތައްދެނީ ސޫރިޔާ ސިފައިން އާންމުންނާ ދެކޮޅަށް ކެމިކަލް ހަމަލާ ދިންކަމަށް ތުހުމަތުކޮށްފައި ކަމަށާއި ނަމަވެސް އެފަދަ ކެމިކަލް ހަމަލާތަކުގެ ފަހަތުގައި ވަނީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަށް ކަމަށް ބެލެވޭކަމުގަ އެވެ. އޭނާ ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަށް ބޭނުންކޮށްގެން ސޫރިޔާއަށް ކެމިކަލް ހަމަލާއެއް ދިނުމަށް އެމެރިކާ ރާވަމުންދާ ކަމަށް ޝައްކު ކުރެވޭކަމުގަ އެވެ.
އެމެރިކާގެ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ވަނީ ސޫރިޔާ ސިފައިން އެގައުމުގެ ރައްޔިތުންނަށް ކެމިކަލް ޙަމަލާއެއް ދީފިނަމަ އެމެރިކާއިން ސޫރިޔާ ސިފައިންނަށް މީގެކުރިން ދީފައިނުވާ ފަދަ ވޭންދެނެވި ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. ބޯލްޓަން ވަނީ ސޫރިޔާ ސިފައިން އާންމުންނަށް އަމާޒުކޮށްގެން ކެމިކަލް ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުން ދާކަމުގެ ހެކިތައް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޖޯން ބޯލްޓަން އަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބަޔާންކޮށް ދޮގު ރިޕޯޓެއް ނެރުމަށް 2002 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާއަށް ސިއްރިޔާތުގައި އެންގެވިކަން ބޭޒާރުވެފައިވާ ބޭފުޅެކެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ މެޑިޓަރޭނިޔަން ކަނޑުގައިވާ އެމެރިކާގެ އަސްކަރީ ބައެއް މަނަވަރުތައް ސޫރިޔާގެ އައްސޭރިފަށާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށާ އެއީ ސޫރިޔާ ސިފައިންގެ އަމާޒުތަކަށް އުދުވަނީ ހަމަލާތަކެއް ދިނުމަށް އެމެރިކާ ތައްޔާރު ވަމުންދާކަމަށް ބެލެވޭ ކަމެއްކަމަށް ބުނެފަ އެވެ.
ސޫރިޔާ ސިފައިންނަށް އެމެރިކާ ހަމަލާތަކެއް ދޭން ރާވަނީ ކުރިޔަށްއޮތް ކޮންގްރެސް އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް އެމެރިކާގެ އާންމުންގެ ތާއީދު ހޯދުމުގެ ގޮތުންކަމަށް ވަނީ ބެލެވިފަ އެވެ. އެމެރިކާއަކީ އިންތިޚާބުތަކުގައި އާންމުންގެ ތާއީދު ހޯދުމަށްޓަކައި އެމެރިކާގެ ބާރު ދުނިޔެއަށް ދެއްކުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. އެމެރިކާ މިގޮތަށް ދޭ ހަމަލާތަކުގައި ގިނައިން މަރުވެ ޒަޚަމްވަނީ ވެސް ކުށެއްނެތް އާންމުންނެވެ.
މީގެކުރިން ވެސް އެމެރިކާ ވަނީ ސޫރިޔާ ސިފައިން އެގައުމުގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަމަލާ ދިންކަމަށް ތުހުމަތުކުރުމަށް ފަހު ދެފަހަރެއްގެ މަތިން ސޫރިޔާ ސިފައިންގެ އަމާޒުތަކަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ޙަމަލާތަކެއް ދީފަ އެވެ. އަދި ކެމިކަލް ހަމަލާތައް މުސްތަގިއްލު ގޮތެއްގައި ތަހްގީގް ކުރުމަށް ވެސް އެމެރިކާ ވަނީ ހުރަސްއަޅައިފަ އެވެ.
ސޫރިޔާގެ އެކި ސަރަހައްދުތަކަށް ކެމިކަލް ޙަމަލާތައް ދެނީ އެމެރިކާގެ ރޭވުމެއްގެ ދަށުން ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ކަމަށް ސޫރިޔާ ސަރުކާރުން ބުނެ އެވެ. އަދި ސޫރިޔާ ސަރުކާރުން ވަނީ ސޫރިޔާގެ ބައެއް ޓެރަރިސްޓް ޖަމާއަތްތަކާ އަޑިއަޑިން ގުޅުންތައް އޮންނަ ކަމުގެ ތުހުމަތު ވެސް އެމެރިކާގެ މައްޗަށް ކޮށްފައެވެ. ނަމަވެސް އެމެރިކާ މިތުހުމަތު ތަކަށް އިންކާރު ކުރެ އެވެ. (ނޫސްއެޖެންސީތައް)