28 Aug 2018, 09:54
ރ. އަތޮޅު އިންނަމާދޫގައި ސަރުކާރުން ތަރައްގީ ކުރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުޅުއްވައިދެއްވައިފި އެވެ.
މިއަދު ހެނދުނު މިކަމަށް ޓަކައި އިންނަމާދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަށް ޓަކައި ޚާއްޞަކުރި ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިލަދެއްވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރި އާއި މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އިއްޔެ ހެނދުނު ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެ ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފަ އެވެ. އަދި ރ. ހުޅުއްދުއްފާރަށް ވަޑައިގެން އެ ރަށުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އިފްތިތާޙްކޮށް ދެއްވާފައިވެ އެވެ. މީގެއިތުރުން އިއްޔެ ވަނީ ރ. އުނގޫފާރަށާއި ރ. ދުވާފަރަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ.
މީގެއިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ރ. އިނގުރައިދޫއަށް ވަޑައިގެން އެރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށާއި ރ. މީދޫ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރެއްވުމަށާއި ނ. މާފަރު އެއަރޕޯޓް ހުޅުއްވައިދެއްވުމަށާއި އެ ރަށު ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރ. މަޑުއްވަރީގެ އިތުރުން ނ. ކެނދިކުޅުދޫއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.