28 Aug 2018, 12:46
މި މަހު 15 ގައި ރިލީޒްކުރި، ބޮލީވުޑްގެ ކުޅަދާނަ ބަތަލް އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "ގޯލްޑް" ބެލުންތެރިންގެ މެދުގައި ރަނަށްވެ، އެ ފިލްމަށް ބޮޑު އާމްދަނީ އެއް ލިބެމުން އެބަދެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ފިލްމު ރިލީޒްކުރި ހަފްތާގެ ތެރޭގައި 89.30 ކްރޯޑް ރުޕީސް ލިބުނެވެ. އަދި މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ ސިނަމާ ތަކުގައި ފިލްމު ދައްކައިގެން ލިބުނު އާމްދަނީ 136.69 ކުރޯޑް ރުޕީސް އަށް އަރަ އެވެ.
ރީމާ ކަތުގީ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ގޯލްޑް" އަކީ ހަގީގީ ހާދިސާ އަކަށް ބިނާކޮށްގެން ކުޅެފައިވާ ފިލްމެކެވެ. ފިލްމުން ދައްކުވައިދެނީ އިންޑިއާގެ ހޮކީ ޓީމަށް ފުރަތަމަ ރަން މެޑައްޔެއް ލިބުނު ގޮތެވެ. ސަމާ އޮލިމްޕިކްސްގައި، 1948 ވަނަ އަހަރު ހޮކީ ޓީމު ބައިވެރިވެ އިންޑިއާގެ ކުޅުންތެރިން ރަން މެޑަލް ހޯދުމަށް ކުރި ބުރަ މަސައްކަތް އެ ފިލްމުން ފެނިގެންދެ އެވެ.
އަކްޝޭގެ ގޯލްޑަކީ މިއަހަރު ރިލީޒް ކުރި ފިލްމު ތަކުގެ ތެރެއިން 100 ކުރޯޑްގެ ބޮޑު އާމްދަނީ އެއް ހޯދި ފިލްމުތަކުގެ ތެރެއިން އަށް ވަނަ ފިލްމެވެ.
މީގެ ކުރިން އަކްޝޭގެ އެތައް ފިލްމެއް ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި "ހައުސްފުލް"، "ރައުޑީރާތޯ" އާއި "ޓޮއިލެޓް" ފަދަ މަޝްހޫރު ފިލްމުތައް ހިމެނެ އެވެ.
ކުރިޔަށް ވެސް، އަކްޝޭގެ އުންމީދީ ފިލްމު ތަކެއް ރިލީޒްވާން އެބަ ހުއްޓެވެ. އަންނަ ނޮވެމްބަރު މަހުގެ 29 ގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ސައިންސް ފިކްޝަން ފިލްމު "2.0" އިން ވެސް އަކްޝޭ ފެންނާނެ އެވެ.