28 Aug 2018, 09:13
ފިލްމު "މިތުރޯން" އަށް ކުޅަދާނަ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ކިޔައިދީފައިވާ "ޗަލްތޭ ޗަލްތޭ" ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.
"ޗަލްތޭ ޗަލްތޭ" އަކީ 1972 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޕަކީޒާ" އަށް އިންޑިއާގެ މެލޮޑީ ކުއީން ލަތާ މަންގޭޝްކަރް ކިޔައިދީފައިވާ ލަވައެކެވެ. އެ ފިލްމަށް އާތިފް ކިޔައިފައި ވަނީ އެ ލަވައިގެ ކަވާ އެކެވެ.
"ޗަލްތޭ ޗަލްތޭ" އަކީ މިހާތަނަށް ބެލުންތެރިންނާ ހަމައަށް އައި އެ ފިލްމުގެ ތިން ވަނަ ލަވަ އެވެ. ލަވަ އާންމު ކުރުމާ އެކު ގިނަ ބަޔަކު އަންނަނީ އެ ލަވައަށް ތައުރީފުކޮށް ވާހަކަ ދައްކަމުންނެވެ. އާތިފް ލަވަ ކިޔައިދީފައިވާ ފުރިހަމަ ކަމުގެ އިތުރުން ލަވަ ބަދަލުކޮށްފައިވާ ގޮތް ވެސް ވަރަށް ފުރިހަމަ ކަމަށް ބުނެ އެވެ.
ލަވައިގައި ފެނިގެން ދަނީ ފިލްމުގެ ލީޑު ދެ އެކްޓަރުން ކަމުގައިވާ ޖެކީ ބާގްނާނީ އަދި ކްރިތިކާ ކަމްރާގެ ގުޅުން އެކުވެރިކަމުން ލޯތްބަށް ބަދަލުވާ ގޮތެވެ. ފިލްމުގެ ވާހަކައިގެ ކުޑަ މިންވަރެއް ލަވައިން ފެނިގެންދާ އިރު، ޖެކީ އަދި ކްރިތިކާގެ އެކްޓިން ވެސް ބެލުންތެރިންނަށް ކަމުދިޔަ އެވެ.
"ޗަލްތޭ ޗަލްތޭ"ގެ އިތުރުން ފިލްމަށް ޔޯ ޔޯ ހަނީ ސިންގް ކިޔައިދީފައިވާ "ދިސް ޕާޓީ އިޒް އޯވާ ނައު" ވެސް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
ނިތިން ކައްކަރު ޑައިރެކްޓު ކޮށްފައިވާ "މިތުރޯން" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 14 ގައެވެ. ޖެކީ އަދި ކްރިތިކާގެ އިތުރުން ފިލްމުން ދެން ފެނިގެން ދާނީ ޕްރަތީކް ގާންދީ، ޝިވަމް ޕަރޭކް އަދި ނީރަޖް ސޫދް އެވެ.