28 Aug 2018, 09:12
ސޮނާކްޝީ ސިންހާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހެޕީ ފިރް ބާގްޖާއެގީ" އަށް އުންމީދު ކުރި ވަރުގެ ތަރުހީބެއް ނުލިބި، ބޮކްސްއޮފީހުގައި ފިލްމުގެ ވިޔަފާރި މަޑުޖެހިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި "ހެޕީ ފިރް ބާގްޖާއެގީ" އަކީ 2016 ވަނަ އަހަރު ޑަޔާނާ ޕެންޓީ ލީޑު ރޯލުން ފެނިގެން ދިޔަ "ހެޕީ ބާގް ޖާއެގީ"ގެ ސީކުއަލެކެވެ. އެފިލްމު ރިލީޒް ކުރި ދުވަހު 2.70 ކުރޯޑު ރުޕީސްގެ އާމްދަނީއެއް ފިލްމަށް ލިބުނެވެ.
އެއީ "ހެޕީ ބާގް ޖާއެގީ" އަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ އަށް ވުރެ ރަނގަޅު އާމްދަނީއަކަށް ވުމުން، ސީކުއެލް އަށް އެއަށް ވުރެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރި އެވެ.
ނަމަވެސް ކްރިޓީކުންގެ އިތުރުން ބެލުންތެރިންނަށް އެ ފިލްމު އެހާ ކަމަކު ނުދިޔަ އެވެ. ފިލްމަށް ފިނި ތަރުހީބެއް ލިބިގެން ދިޔަ އިރު ހަފްތާ ބަންދުގައި އެ ފިލްމަށް ލިބުނީ 6.73 ކުރޯޑު ރުޕީސް އެވެ. "ހެޕީ ބާގް ޖާއެގީ" އަށް ފުރަތަމަ ހަފްތާ ބަންދުގައި 10.71 ކުރޯޑު ލިބުނެވެ.
މި ހަފްތާ ތެރޭގައި ފިލްމު ބަލަން ވަންނަ މީހުން އިތުރު ނުވެއްޖެ ނަމަ ފިލްމު ބޮކްސްއޮފީހުގައި ފްލޮޕްވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އަންނަ ހުކުރު ދުވަހު ޝްރައްދާ ކަޕޫރު އަދި ރާޖްކުމާރު ރާއޯގެ "ސްޓްރީ" އާއި ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލްގެ "ޔަމްލާ ޕަގްލާ ދީވާނާ ފިރްސޭ" ރިލީޒް ކުރާނެ އެވެ. އަދި ބޮކްސްއޮފީހުގައި ފިލްމުތަކުގެ ވާދަވެރިކަން ބޮޑުވެގެންދާނެ އެވެ.