28 Aug 2018, 00:59
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމުގެ ކަންތައް އޮޅުވާލީ އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ތިން މީހަކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިރޭ "ސަން" އަށް ވިދާޅުވީ އެ ސިޔާސީ ޕާޓީގެ ފަރާތުން ބަދަލުކުކޮށް ފޯމް ހުށަހެޅި ތިން މީހަކު ވަނީ ރީ ރަޖިސްޓްރީ ކުރާ މީހާގެ ފިންގާ ޕްރިންޓު ނޫން އެހެން މީހެއްގެ ފިންގާ ޕްރިންޓް ޖަހާފައިވާ ފޯމްތަކެއް އެ ކޮމިޝަނަށް ހުށަހަޅާފައި ކަމަށެވެ.
"މިދެންނެވި ތިން މީހުންނަކީ ކޮން ބައެއް ކަމާއި އެމީހުން ފޯމް ހުށަހެޅި ގަޑި އިލެކްޝަންސް ކޮމިޝަންގައި އެބަހުރި،" އަކުރަމް ވިދާޅުވި އެވެ.
އަކުރަމް ވިދާޅުވީ މަހަރުހަދައި އޮޅުވާލައިގެން ހުށަހަޅާފައިވާ ފޯމްތައް މީޑިއާއަށް ދައްކާލުމާ ބެހޭ ގޮތުން ކޮމިޝަންގައި މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރީ ރަޖިސްޓްރޭޝަންގެ ފޯމްތަކުގެ އިތުރުން ފޯޖު އައިޑީކާޑްތަކެއް ބޭނުންކޮށްގެން އޮބްޒާވަރުންގެ ފޯމް ގަސްތުގައި އޮޅުވާލަންް ސިޔާސީ ޕާޓީއަކުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.
"ފޯޖު އައިޑީކާޑު ހަދައިގެން ގަސްތުގައި އޮބްޒާވަރުންގެ ފޯމްތަކެއް އޮޅުވާލަން ސިޔާސީ ޕާޓީއަކުން ވަނީ މަސައްކަތްކޮށްފައި. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅަން ވަނީ ނިންމާފައި،" އަކުރަމް ވިދާޅުވި އެވެ.
ނަމަވެސް އެ ފޯމްތައް ހުށަހެޅީ ކޮން ސިޔާސީ ޕާޓީއަކުން ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.