20 Sep 2011, 19:49
އަސާސީ ހައްގުތައް ނުލިބި ގައުމު މިހާރު އޮތީ ވަރަށް ހިތާމަވެރި ހާލަތެއްގައި ކަމަށް ޑީއާރުޕީގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކޮންމެހެން ލިބެންޖެހޭ ހައްގުތައް އަތޮޅު ތަކުގެ ރަށްތަކުގައި ތިބި ރައްޔިތުންނަށް ނުލިބި ރައްޔިތުން އެކަމާ ޝަކުވާ ކުރަމުންދާ ކަމަށެވެ.
ކަރަންޓުގެ ހިދުމަތްތަކާއި ސިއްހީ ދާއިރާގެ ހިދުމަތްތައް ނުލިބި ރައްޔިތުން ހާލުގައި ޖެހިފައިވާ ކަން ފާހަގަ ކޮށް ރޮޒައިނާ ވިދާޅުވީ، އެކަންތައްތަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތަކެއް ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެކަންތައްތައް ރައްޔިތުންނަށް ފުރިހަމަ ކަޮށްދީފައިނުވާ ކަމަށެވެ.
މިގޮތުން މަދަނައިން ލާރި ނުދެއްކުމުގެ ސަބަބުން ރަށްރަށުގެ ރަށްތަކުގެ ބޭސްފިހާރަތަކުން މަދަނައިގެ ހިދުމަތް ކަނޑާލެވިފައިވާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ ރަށްރަށުގެ ފާމަސީ ތަކުގައި މަދަނައިގެ ހިދުމަތް ވަނީ ކަނޑާލައިފަަައި، ހަމަސް ހަތްމަސް ވާއިރުގައި މަދަނައިން އެ ބޭސްފިހާރަތަކަށް ލާރި ނުދައްކާ،" ރޮަޒައިނާ ވިދާޅުވި އެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ރަށްތަކުގެ ސިއްހީ މަރުކަޒުތަކުގައި ފަރުވާދެއްވާނޭ ޑޮކްޓަރުންނާއި، ތަހުލީލު ތައް ކުރުމަށް ލެބޯޓަރީ އަށް ބޭނުންވާ ވަސީލަތްތައް ނުލިބޭތީ ބޭސްފަރުވާއަށް ސަލާން ޖަހަން ކައިރި ރަށްތަކަށް ރައްޔިތުން ދާން ޖެހޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
އަަދި އަތޮޅު ތަކުގައި ސިއްހީ ހިދުމަތް ދޭން ހެދިފަ ހުންނަ ހެލްތު ކޯޕަރޭޝަންތަކުގައި ގިނައިން ވަޒީފާތައް ދީފައި ހުންނަނީ ވެރިކަން ކުރާ އެމްޑީޕީ ގެ އެކްޓިވިސްޓުންނަށް ކަމަށް ރޮޒައިނާ ތުހުމަތު ކުރެއްވިއެވެ. އަދި އެގޮތަށް ވަޒީފާ ދީފައި ތިބޭ މީހުންނަކީ ހެލްތުގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނެތް، އަދ އެކަމުގެ އެއްވެސް ގާބިލު ކަމެއްވެސް ލިބިފައި ނެތް ބައެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
" ހެލްތު ކޯޕަރޭޝަން ތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަކީ ގިނަފަހަރަށް އެމްޑީޕީ އެކްޓިވިސްޓުން، އެބޭފުޅުންގެ ނުހުރޭ އެކްސްޕީރިއެންސެއް ވެސް އަދި މިކަންކަން މެނޭޖް ކުރާނެ ގާބިލު ކަމެއްވެސް،"
މި ކޮަންފަރެންސްގައި އިތުރަށް ވާހަކަ ދައްކަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އިންޖީނުގެ ތަކަށް ސަބްސިޑީޒް ދޭން ނިންމައިފައި އޮންނަ އިރުވެސް ރައްޔތުންގެ އިންޖީނުގެ ތަކަށް އެ ފައިސާ ނުދޭ ކަމަށާއި މިހެން ވުމުގެ ސަބަބުން ގިނަ އަދަދެއްގެ ރަށްތަކުގެ އިންޖީނުގެ ތަކުން އެކަށީގެންވާ ވަރަށް ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށެވެ.
އަދި މިހާރުވެސް ބަޖެޓް ނެތިގެން ބައެއް ރަތްތަކުގެ އިންޖީނުގޭތަކުގެ މަސައްކަތް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ބަޖެޓް ނެތިގެން ގިނަ ރަށްތަކެއްގެ އިންޖީނުގޭގެ ހިދުމަތްތައް ކުރިއަށް ނުގެންދެވި ހުއްޓިފައި ވާއިރުގަވެސް ސަރުކާރުން ހަވާލުވަމުން ދަނީ އެމްޑީޕީގެ މެޖޯރިޓީ އޮއްނަ ރަށްތަކުގެ އިންޖީނުގެ ތަކާ ކަމަށާއި އެމްޑީޕީން މިގެންގުޅޭ ތަފާތު ކުރުން ތަކަކީ ޑީއާރުޕީން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި ރޮޒައިނާ ވިދާޅުވި އެވެ.