ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓުލާން ރެޖިސްޓްރީ ވެވޭނީ ޖަލުގައި ބަހައްޓާ ވޯޓު ފޮއްޓަށް ކަމަށާއި ވޯޓު ލެވޭނީ އެ ފޮއްޓަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޖަލު ބަންދުގައި ތިބޭ ގައިދީންވެސް އަދި ގޭ ބަންދުގައި ތިބޭ މީހުން ވެސް ވޯޓުލާން ޖެހޭނީ ޖަލުގައި ބަހައްޓާ ފޮށްޓަށް ކަމަށެވެ.

އަދި އެއްވެސް ޖަލެއްގެ ފޮށްޓެއް ރާއްޖޭން ބޭރުގައި ބަހައްޓާފައި ނުވާނެ ކަމަށާއި އެހެންވެ އެހެން ގައުމަކަށް ރީ-ރަޖިސްޓްރީވާން ހުށަހެޅި ގައިދީންގެ ފޯމު ބާތިލުކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ރާއްޖޭން ބޭރު އެއްވެސް ގައުމެއްގައި ޖަލު ފޮއްޓެއް ނުއެއް ހުންނާނެ. އެހެންވީމަ އެ ބޭފުޅުން ޖަލު ހުކުމް ކުރައްވާފައި ތިއްބެވި ހުރިހާ ބޭފުޅުންވެސް މި ޖެހެނީ ޖަލު ފޮއްޓަށް ވޯޓުލާން. އެ ބޭފުޅުން އެހެންތަންތަނަށް ރަޖިސްޓްރީ ކުރަން ހުށަހެޅީމާ އަޅުގަނޑުމެން މިވަނީ އެ ފޯމުތައް ބާތިލުކޮށްފައި،" އަކްރަމް ވިދާޅުވި އެވެ.

ތަފްސީލު މައުލޫމާތާއެކު ވޯޓާސް ލިސްޓު މިއަދު ވަނީ އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަކްރަމް ވިދާޅުވީ މިއަދު ހައެއް ޖެހުމާ ހަމައަށް 18 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ރީ ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައިވަނީ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ އޭގެ ކުރިން ރީ ރަޖިސްޓްރީ މައްސަލައެއް އުޅޭ ނަމަ ހުށަހަޅުއްވަން އަކްރަމް އެދިލެއްވި އެވެ.

އަދި ރީ-ރަޖިސްޓްރޭޝަނުގައި މައްސަލައެއް ދިމާވެފައިވާ ހައްޖާޖީއެއް ހުރިނަމަ އެކަމާ ކަންބޮޑު ނުވުމަށާއި އެކަންކަން އެ ކޮމިޝަނުން ހަމަޖައްސައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަމަކަށްވެސް އެ ކޮމިޝަނުން ތައްޔާރުވެފައި ވާ ކަމަށާއި އިންތިހާބު ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް އިލެކްޝަންސް ކޮމިޝަނުގައި ނެތް ކަމަށެވެ.

އިންތިހާބަށް މިހާރު އޮތީ 27 ދުވަހެވެ. އިންތިހާގައި ވާދަ ކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަމްބަރު 2 އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު އެކެކެވެ.