27 Aug 2018, 22:02
މާލޭގައި ކުރިއަށްދާ މަގުހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިމޭނެ ކަމަށާއި އެ މަސައްކަތް ނިމުމުން ތާރު އަޅަން ބޭނުންކުރީ ވަސީލަތްތައް ރ.ދުވާފަރަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުވާފަރުގައި މިރޭ ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުހެދުމަށް ބޭނުންކުރި ރޯލަރުތަކާއި ޕޭވަރުތައް ދުވާފަރުގައި ތާރު އެޅުމަށް އެރަށަށް ގެންދާނެ ކަމަށެވެ.
"މާލެ އާއި ހުޅުމާލެ ގުޅުވާލާ މަޝްރޫއު ނިމެންވާއިރަށް މަގުތައް ހެދުން ކޮންމެހެންވެސް ނިންމަން ޖެހޭތީ މަގުހެދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެމަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެބަ ނިމޭ. ނިމުނިމާ އެ ހުރިހާ ތަކެތި މި ރަށުގައި ތާރު އެޅުމަށް އިންތިޒާމުތައް ވަނީ ހަމަޖެހިފައި،"
މިނިސްޓަރު ވިދާޅުވީ މާލޭގައި ތާރު އެޅުމަށް ބޭނުންކުރާ ހުރިހާ ވަސީލަތެއް ކުރިއަށް އޮތް ހަފްތާގައި ދުވާފަރަށް ގެންދާނެ ކަމަށެވެ.
ދުވާފަރުގެ މައި މަގާއި އެހެން މަގުތައް ހެދުމަށް ބޭނުންވާ ވަސީލަތްތައް ގެންނާނީ މާލެ އިންނާއި ހއ. ދިއްދޫ އިންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ސެޕްޓެމްބަރު މަހުގެ މެދެއްހައި ހިސާބުގައި މިރަށުގެ މައި މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ،" މުއިއްޒު ވިދާޅުވިއެވެ. މަގުހެދުމުގެ މަސައްކަތް ފެށުމަށްފަހު ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދުވާފަރުގައި ތާރު އެޅުމަށްފަހު އެރަށުގެ ތަރައްގީ އަށް އެހެން މަޝްރޫއުތައްވެސް ކުރިއަށް ގެންދަން ސަރުކާރުން ނިންމާނެ ކަމަށާއި މި މަޝްރޫއުތައް ކުރިއަށް ގެންދަވާ ވެރިޔަކަށް އެ މަސައްކަތްތައް ނިންމުމަށް ފުރުސަތު ދިނުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގައިލުމަށް މަސައްކަތް ކުރާ ބަޔަކަށް ވާގިވެރިވާ ބަޔަކަށް ފުރުސަތު ދޭނީތޯ ނުވަތަ ނޫންތޯ ދުވާލު ކުރަން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ބައިނަލްއަގުވާމީ މައި އެއާޕޯޓު "ވިއްކާލި" އަސްލު މަގުސަދު ފެންނަމުންދާކަމަށްވެސް މިނިސްޓަަރު ވިދާޅުވިއެވެ. އެ މަގުސަދަކީ ގައުމުގެ މިނިވަންކަން ނަގައިލުން ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
އިހުލާސްތެރިކަމެއް ނެތި ރައްޔިތުންގެ ވޯޓު ހޯދަން ދައްކާ ވާހަކަތަކަށް ހެއްލިގެން ނުވާނެ ކަމަށާއި އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ތިން އަހަރު ވެރިކަން ކުރަން ފުރުސަތު ދިން ކަމަށާއި އެ ތިން އަހަރު ތެރޭ ފެނުނީ އިގްތިސާދު ފުނޑި ގައުމުގެ މިނިވަންކަން ގެއްލިގެން ދިޔަތަން ކަމަށެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ތަރައްގީ އާއި މިނިވަންކަމަށްޓަކާވެސް ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކުރަންޖެހޭ ކަމަށެވެ.